ފީފާއިން ހޮވި ފާއިތުވި އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއަށް ލިބުނުއިރު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ކެޕްޓަމް ޑޭވިޑް އަލަބާގެ ފުރަތަމަ ވޯޓް މެސީއަށް ދިނުމާއި ގުޅިގެން އަމާޒުވީ ފާޑުކިޔުމަށް އޭނާ ރައްދު ދީފިއެވެ.

މެސީ މި އެވޯޑް ހޯދާފައި ވަނީ މެސީއާއި އެއް ޓީމަކަށް ކުޅެމުން އަންނަ އެމްބާޕޭއާއި ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. އަލަބާއާއި ބެންޒެމާއަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ.

Ad
rt

މި މަގާމުތައް ހޮވަނީ ޤައުމުތަކުގެ ޤައުމީ ޓީމްގެ ކޯޗުންނާއި ކެޕްޓަނުންނާއި ޖާނަލިސްޓުންގެ އިތުރުން ސަޕޯޓަރުންގެ ވޯޓުންނެވެ. އަލަބާ ވޯޓްލާފައި ވަނީ އޮސްޓްރިއާ ޓީމްގެ ކެޕްޓަންގެ ހައިސިއްޔަތުންނެވެ. އަލަބާގެ ފުރަތަމަ ވޯޓް މެސީއަށް ދީފައިވާއިރު ދެވަނަ ވޯޓް ދީފައި ވަނީ ބެންޒެމާއަށެވެ. ތިންވަނަ ވޯޓް އޭނާ ދީފައި ވަނީ އެމްބާޕޭއަށެވެ.

ފީފާއިން ވޯޓް ލިސްޓް އާންމު ކުރުމާއިއެކު ސޯސަލް މީޑިއާގައި އަލަބާގެ ފުރަތަމަ ވޯޓް ބެންޒެމާއަށް ދީފައި ނުވާތީ ރެއާލްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އޭނާއަށް ފާޑުކިޔާ ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ.

މިކަމާއި ގުޅިގެން އުމުރުން 30 އަހަރުގެ ޑިފެންޑަރ އަލަބާ ބުނެފައި ވަނީ މި އެވޯޑަށް އޭނާ ލާފައިވާ ވޯޓަކީ އޭނާގެ އެކަނި ނިންމުން ނޫން ކަމަށާއި އެއީ އޮސްޓްރިއާ ޓީމްގެ ނިންމުން ކަމަށެވެ.

އަލަބާ އިތުރަށް ބުނެފައި ވަނީ ބެންޒެމާގެ ކުޅުމަށް އޭނާ ގަޔާވާ މިންވަރު އެންމެންނަށް ވެސް އެނގޭނެ ކަމަށާއި ހާއްސަކޮށް ބެންޒެމާއަށް އެކަން އެނގޭނެ ކަމަށެވެ. އަލަބާ އިތުރަށް ބުނެފައި ވަނީ އޭނާއަށް މިވަގުތު ވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ސްޓްރައިކަރަކީ ބެންޒެމާ ކަމަށާއި އެކަން އަދިވެސް އޮތީ އެގޮތަށް ކަމަށެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށް ފަހު އަލަބާ ރެއާލަށް ބަދަލުވެފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަލަބާއަކީ ރެއާލަށް ބަދަލުވެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ޓީމްގެ ޑިފެންސުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

އަލަބާ ވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ރެއާލާއިއެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގާއި ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.