ށ. ނަލަންދޫ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން ފެށިގެން އެ ރަށް ފަތުރުވެރިކަމަށް ހުޅުވާލަން ސިކުންތެއް ވެސް ލަސް ނުކުރަށްވާނެ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މެންބަރު ރިޟާ ކުރެއްވި ސުވާލު: ''ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބީ ބަދަލަކަށް މިސްރާބު ހިފާފައިވާއިރު ށ. ނަލަންދޫގެ މަސަލަ ކިހާ ހިސާބެއްގައިތޯ އޮތީ؟ އެތަނުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަކީ މި ސަރުކާރުން ވަރަށް ސަމާލުކަން ދީގެން ކުރިއަށްގެންދާ ކަމެއްވީމަ، އެކަން ސާފުކޮށްލަން ވަޒީރާ މި ސުވާލު އަރިސްކޮށްލީ...''

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މެންބަރު އަލީ ރިޟާ އެކުރެއްވި ސުވާލަކީ ތިލަދުންމަތީގެ ކޮންމެ ރައްޔިތެއް ވެސް އިތުގައި އޮތް، ޖަވާބު ބޭނުންވެފައިވާ ސުވާލެއް ކަމަށެވެ. އަދި ޚާއްޞަކޮށް އެއީ ށ. އަތޮޅު ރައްޔިތުން ޖަވާބެއް ބޭނުންވެފައިވާ ސުވާލެއް ކަމަށެވެ.

ވަޒީރު ވިދާޅުވިގޮތުގައި ނަލަންދޫއަކީ ނަލަ ރަށެކެވެ. އަދި އެއީ ކޮންމެހެން ވެސް ފަތުރުވެރިކަމަށް ތަރައްގީކުރަންވެފައިވާ ރަށެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

''އެރަށަށް ބަދަލު ދީފައި އެރަށް ތަރައްގީ ކުރެވެން އޮތީ، އެރަށަށް ބަދަލު ދިނުމުގެ އިދާރީ މަސައްކަތްތައް ނިމުމަކާއި ހިސާބަށް ގޮސްފައި އޮތް ކަމަށް އަޅުގަނޑަށް އެންމެ ފަހުން މައުލޫމާތު ލިބިފައި ވަނީ، އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަފުތަރަށް އަންނަ ހިސާބުން އެންމެ ސިކުންތެއް ވެސް ލަހެއް ނުކުރާނަން އެ ރަށް ފަތުރުވެރިކަމަށް ހުޅުވާލާކަށް'' ވަޒީރު ވިދާޅުވިއެވެ.

ނަލަންދޫ އަކީ މިހާތަނަށް ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އަޙްމަދު އިބްރާހީމް / އިރުދޭމާގެ، ރ. ކަނދޮޅުދޫ އަށް ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް މިރަށް ދޫކޮށްފައި ވަނީ 10 ޑިސެމްބަރު 1999 އަށް 21 އަހަރުގެ މުއްދަތަށެވެ. އެރަށަކީ 60 ހެކްޓަރުގެ ބޮޑު، ރީތި ރަށެކެވެ.