ހއ. އިހަވަންދޫގައި ބާއްވާ ހއ އަތޮޅުގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ 'މައިކަޕް' ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ޑިސެމްބަރ މަހުގެ 1 ވަނަދުވަހު ބާއްވާގޮތައް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ(މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން އިހަވަންދޫ ޒުވާނުންނަށާއި އިހަވަންދޫ ފިޔަވައި ހއ އަތޮޅުގެ ކުލަބު ޖަމުއްޢިއްޔާތަކާއި ކުންފުނިތަކާއި ރިސޯރޓްތަކާއި ސަރުކާރު މުއައްސަސާތަކުގެ ޓީމުތަކަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯރޓްސް ކުލަބް، ޖަންގަލް، ސެން ސިޓީ، އުނައިޓެޑް ޔޫތް، ގަބީލާ، އަރާދުވާ، ކުލިމަގު، މާރަންދޫ ޔޫތު ސޮސައިޓީ، އެންވީކޭ، ޖޭއޭ މަނަފަރު، ދިއްދޫ އެޗްއެން ސްޕޯރޓްސް ކުލަބް އަދި އެފްސީ ބޮޑު މަގު އެވެ.

ގުރުއަތުލުމުގެ ރަސްމިއްޔާތު އޮންނާނީ އިހަވަންދޫ ހުރަވީ ދަނޑުގައި 1 ޑިސެމްބަރ ދުވަހުގެ ރޭގައެވެ. މިފަހަރުވެސް މިމުބާރާތް އިންތިޒާމު ކުރަނީ ކުލަބް ޕޯލްސް ސްޓާރ އިންނެވެ. ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ބާއްވާ މިމުބާރާތުގައި ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވަނަދުވަހުގެ 16:00 އެވެ.
އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުގެ މުބާރާތުގަވެސް ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓިމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

މިމުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާމިއީ 13 ވަނައަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!