ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ދިވެހި ފަންނާނުންގެ އެކި އިވެންޓްތަކާއި، ޝޯވތަކަށް ހާއްސަ، އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލުމަށްފަހު އަލުން ރޭ އެތަން ހުޅުވައިފިއެވެ.

އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށް ރޭ އޮލިމްޕަހުގައި ބޭއްވި ޙަފްލާއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

މިތަން ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުންނެވެ.

އޮޕިމްޕަސް އަލުން ތަރައްގީ ކުރުމަށްފަހު ހުޅުވި ހަފުލާގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

އޮލިމްޕަސް އަލުން ރޭ ހުޅުވާފައިވާއިރު، އެތަން ވަނީ އިތުރަށް ތަރައްޤީކޮށް ޒަމާނީ އެތައް ބަދަލުތަކެއް ގެނެސްފައެވެ. މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށް ޚިދުމަތްތަކާ ވަޞީލަތްތައް ވަނީ ތަރައްޤީކޮށްފައިވާއިރު، އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ބަދަލުތައް ގެނެސްފައި ވުމާއި މިއުޒިކާއި ނެށުމަށް ޚާއްޞަ ޕްރެކްޓިސް ރޫމް ތަރައްޤީކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށްފައިވެއެވެ.

މި މަސައްކަތް ނިންމާލެވުމާއިގުޅިގެން ސަރުކާރުން ވަނީ، އެކިބާވަތުގެ ހުނަރާއި ފުނަރުވެރިކަން ހުރި ޒުވާނުންނަށް ކުރިއަރާ ދިޔުމުގެ ހުރިހާ މަގެއް ހުޅުވާލައިދީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަ ކުރައްވާފައެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.