އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައި އޮތް އާސެނަލުން ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އަތުން ބަލިވެއްޖެއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
އެވަޓަންގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް ވަކިކޮށް އެ މަގާމަށް ޑައިޝް ހަމަޖައްސާފައި ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. އާ ކޯޗާއިއެކު ނުކުމެ އެވަޓަން އިން މި މެޗުގައި ވަނީ ތަފާތު ދައްކާފައެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އާސެނަލުން ކުޅުނު ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ.
އެވަޓަން އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައި ވަނީ 60 ވަނަ މިނިޓްގައެވެ. މި ލަނޑު ޖެހީ މެކްނީލް ނެގި ކޯނަރަކުން ޖޭމްސް ޓާކޯސްކީއެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 20 މެޗުން ލިބުނު 50 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ސިޓީ އޮތީ 20 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. މާދަމާ ރޭ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު ކުޑަ ކުރުމުގެ ފުރުޞަތު ސިޓީއަށް އެބައޮތެވެ.
މި މެޗުން މޮޅުވި އެވަޓަން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 18 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!