ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަން ނިންމައިފި އެވެ.

މި ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ށ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، މި ކޯހަކީ ޝަހީބް މީޑިއާ އާ ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ.

Ad
rt

މި ކޯސް ހިންގުމަށް ނިންމާފައިވަނީ މި ޖެނުއަރީ މަހުގެ 15 އިން 19 އަށް ށ. ފުނަދޫ ގައެވެ. ކޯހުގެ ކުލާސްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 2 ޖަހަންދެން ނެވެ.

ހިލޭ ހިންގުމަށް ނިންމާފައިވާ މި ކޯހުގެ، މުދައްރިބަކީ ޝަހީބު މީޑިއާގެ ސީއީއޯ އަދި ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ޝަހީބު ކަަމަށެވެ.

މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޚަބަރު ލިޔުމާއި އިންޓަރވިއު ކުރުމާއި ފީޗަރ ލިޔުން ހިމެނެ އެވެ.

އެ ކައުންސިލުން ވިދާޅުވީ މިއީ ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ކޯސް ހިންގުމުގެ އަމާޒަކީ އަތޮޅުގައި ތިބި ޒުވާނުން ވަޒީފާ ހޯދަން މާލެ ނައިސް، އަމިއްލް ރަށުގައި ތިބެގެން ޚަބަރާއި މައުލޫމާތު ފެތުރުމަށް ނިއުސް ވެބްސައިޓް އުފައްދާ، ހިންގާ ނޫސްވެރިކަމުން ނަފާ ހޯދުމާއިއެކު ވަޒީފާގެ ފުރުސަތުތައް އުފައްދާ ޒުވާނުން ބާރުވެރި ކުރުވުމެވެ.

ށ. އަތޮޅުގައި ތިބި ނޫސްވެރިކަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުުރުސަތެއް ކަމަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ ޒުވާނުންނަށް ރަނގަޅު ތަޖުރިބާއަކަށް މިކޯސް ވާނެ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހޮވާނީ އިންޓަރވިއެއް ކުރުމަށް ފަހުއެވެ. އައިޑީ ކާޑު އަދި ގުޅޭނެ ނަންބަރު 9934333 ނަންބަރު ފޯނަށް ވައިބަރ ކުރެއްވުމަށް އެކައުންސިލުން އެދިފައިވެއެވެ. ބައިވެރި ވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ 14:00 އަށެވެ.

މިއީ ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، (އެސްޓީއޯ) ގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާ ކޯހެއްކަމަށްވެސް އެކައުންސިލުން ހާމަކޮށްފައިވެއެވެ.