ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް މިދިޔަ އަހަރު ހިންގުނީ 25 އޮޕަރޭޝަނެއްކަމަށާއި މި އޮޕަރޭޗަން ތަކުގައި ހައްޔަރުކުރެވުނީ 32 މީހުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

Ad
rt

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްކަމަށްވެސް އެއިދާރާއިން ހާމަކޮށްފައިވެއެވެ.

ހައްޔަރުކޮށްފައިވާ 32 މީހުންގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 26 ބިދޭސީންނެވެ.

މި މައްސަލަތަކުގައި 2022 ވަނަ އަހަރު 28 ބިދޭސީން ޑީޕޯޓުކޮށްފައިވާއިރު މި މީހުންގެ ތެރޭގައި މިދިޔަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންވެސް ހިމެނޭކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.

ފާއިތުވި އަހަރު، ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި ކުރުމުގެ 11 މައްސަލައެއް ކޭސްކޮށްގެން ތަހުގީގުކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދެއެވެ.

ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވުނީ 2 މައްސަލައެއްގެ އެވެ. 3 މައްސަލައެއް ވަނީ ފައިލުކޮށްފަކަމަށް ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.