ވޯލްޑް ކަޕް ފައިނަލްގައި ރޭ ފްރާންސާއި އާޖެންޓީނާ ބައްދަލުކުރި މެޗު ބެއްލެވުމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަތީ އެމަނިކުފާނުގެ އުފަން ރަށް ފުވައްމުލަކަށެވެ. އެމަނިކުފާނަކީ އާޖެންޓީނާގެ ސަޕޯޓަރެކެވެ.
ނައިބު ރައީސްގެ ފަރާތްޕުޅުން އެ މެޗު ބެލުމުގެ ދައުވަތު އެރަށުގެ ރައްޔިތުންނަށް ފޮނުއްވިއެވެ. އެ މެޗު އިންތިޒާމް ހަމަޖައްސާފައި އޮތީ ފުވައްމުލަކު ސިޓީގެ ހާފިޒު އަހްމަދު ސްކޫލްގެ ހޯލުގައެވެ. މެޗު ބަލަމުން ދިޔަވަގުތު ކެއިން ބުއިމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައި ހުރިއިރު، އެ މެޗު ބަލަން ހޯލަށް ވަތް ކޮންމެ ފަރާތަކަށް ވަނީ ކޫޕަނެއް ދޫކޮށްފައެވެ.
މިމެޗު ބެލުމުގައި ނައިބު ރައީސްގެ އަރިހުގައި ފުވައްމުލަކު ސިޓީގެ 600 އެއްހާ ރައްޔިތުން ބައިވެރިވިއެވެ.
ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލް ހޯލުގައި ނައިބު ރައީސް ފައިސަލް ރޭގެ ފައިނަލް މެޗް ބައްލަވާ ލައްވަނީ
ނޭވާ ހިފައްޓާލަން ޖެހުނު ރޭގެ މެޗުގައި ޕެނަލްޓީ ޖަހައިގެން އެންމެފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް އާޖެންޓީނާ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އެ މެޗު ނިމުމާއެކު ނައިބު ރައީސްގެ އަރިހުގައި މެޗުބެލުމުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ވަނީ ގުރުއަތުނަގައި ނަސީބުވެރި ފަރާތްތަކަށް އަގުބޮޑެތި އިނާމްތައް ހަވާލުކޮށްފައެވެ.
މި އިނާމްތައް ދެއްވީ ނައިބު ރައީސް ފައިސަލްގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހްމަދު (މާއްޓޭ) އާއި، ރައީސް އޮފީހުގެ ވަޒީރު ޑރ. މުސްތަފާ ލުތުފީ އާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޑރ. ޢަބުދުﷲ ރަޝީދާއި، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގާއި، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ފަދަ ބޭފުޅުންނެވެ.
ސޯފާ ސެޓް ލިބުނު ފަރާތަށް ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ މާއްޓޭ ޓީވީ ހަދިޔާކޮށް ދެއްވަނީ،
ރޭގެ ނަސީބުވެރިންގެ ގޮތުގައި އުމްރާ ދަތުރު ލިބުނީ ރާނިއާ ޢަބުދުﷲ އަށެވެ. 55 އިންޗީގެ އެޗްޑީ ޓީވީ ލިބުނީ މިޝާލް މުޙައްމަދު ސައީދު އަށެވެ. އެލް މޮބައިލުން ސްޕޮންސާކޮށްފައިވާ އައިޕެޑް ޒާހިދު އަށް ލިބުނު އިރު، ދަމާސްއިން ސްޕޮންސާކޮށްފައިވާ ސޯފާ ސެޓް ލިބުނީ ތަމާމް އަށެވެ. އަދި އިނަ މޯލްޑިވްސް އިން ސްޕޮންސާކޮށްފައިވާ ދުބާއި ދަތުރު ލިބުނީ އަޙްމަދު މޫސާ އަށެވެ. މީގެ އިތުރުން ހޮވުނު ނަސީބުވެރިންނަށް ފައިސާގެ އިނާމްތައް ދީފަވެއެވެ.
ޓީވީ ލިބުނު ފަރާތަށް ފުވައްމުލަކު ސިޓީގެ މޭޔަރު ރަފީގް، ޓީވީ ހަދިޔާކޮށް ދެއްވަނީ
ނައިބު ރައީސަކީ ކުރިން އިޖުތިމާއީ ވަރަށް ބޮޑު ހިދުމަތްތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެއްކަމަށްވާއިރު، އެމަނިކުފާނު ހިންގެވި އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން ވެސް ކުރިން ވެސް ވަނީ މިފަދަ އިނާމްތަކާއެކު ހަރަކާތްތައް ހިންގަވާފައެވެ. މިގޮތުން އެމަނިކުފާނުގެ ފައިސަލް ފައުންޑޭޝަންގެ ހިޔަލުގައި ގިނަ ޕްރޮގްރާމްތަކެއް ހިންގެވިއެވެ. އޭގެތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤުރްއާން މުބާރާތަކުން އެއް ވަނައަށް ދިޔަ ފަރާތަކަށް އުމްރާ ދަތުރެއް ދީފައި ވަނީ ވެސް އެ ފައުންޑޭޝަނުން ހިންގި މުބާރާތަކުންނެވެ.
މީގެ 24 އަހަރު ފަހަތަށް ސޮއްސާލާއިރު، 1998 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލައިލުމުގެ އިންތިޒާމު އެރަށުގެ ބޯޅަ ދަނޑުގައި ނައިބު ރައީސް ފައިސަލްގެ އެހީތެރިކަމާއެކު ހަމަޖައްސަވައިދެއްވިއެވެ. އަދި އެއީ އެ ރަށު ރައްޔިތުން ބޮޑު ސްކްރީނެއްގައި މެޗެއް ބެލި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު ބައްލަވާލަން ނައިބު ރައީސް އެމަނިކުފާނުގެ އުފަން ރަށް ފުވައްމުލަކު ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވާފައިވާއިރު، މިފަހަރުގެ ވޯލްޑް ކަޕް ފެށުނު ރޭ، ވޯލްޑްކަޕްގެ ޕްރީ ޝޯ އަދި ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ނައިބު ފައިޞަލް ވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މެޗް ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާތަނަށް ތިން ދަރިކަލުންނާއެކު އާޖެންޓީނާގެ ޖާޒީ ތުރުކުރައްވައިގެން ވަޑައިގެންފައެވެ.
ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ
އާޖެންޓީނާގެ ބޮޑު ފޭނެއްގެ ގޮތުގައި ހުންނެވި ނައިބު ރައީސް ފައިސަލް، 2010 ވަނަ އަހަރު ބޭއްވި ވޯރލްޑްކަޕްގެ ވީޓީގެ ޕްރީ ޝޯގައި، ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެމަނިކުފާނު އާޖެންޓީނާއަށް ކުރަށްވާ ސަޕޯޓަކީ މަރަޑޯނާއަށް ކުރައްވާ ސަޕޯޓް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އިޖްތިމާޢީ ހަރަކާތްތަށް ފެށުމަށް މަގުފަހިވެގެން ދިޔަ މައިގަނޑު އެއް ސަބަބު ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިފަހަރުގެ ވޯޑްކަޕް ގައި މޮރޮކޯ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗާއި ގުޅިގެން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ޔެސްޓީވީން ކުރިއަށް ގެންދިޔަ ޕްރީ ޝޯގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އެރޭ މެޗުގެ ކުރިން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް ނަމަވެސް އެރޭ މޮޅުވާން އެދެނީ މޮރޮކޯ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!