ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ގިނަގުނަ އިޖުތިމާޢީ ޚިދުމަތްތަކެއް ކުރަށްވާފައިވާ، އިޖުތިމާޢީ ޚިދުމަތްތެރިއެއްކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

މިއަދު މިމަޢުލޫގެ ތެރެއަށް ވަދެ، ހޯދައި ބަލައިލަން މިޖެހުނީ މިހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ފުޓްބޯޅައިގެ ދުނިޔެ ކަރުނުން ތެއްމާލި ޚަބަރަކަށް ވެގެންދިޔަ، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑިއޭގޯ މަރަޑޯނާ މިދުނިޔެއާއި ވަކިވެގެން ދިޔުމުން ނައިބު ރައީސް ފައިޞަލް ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

Ad
rt

އެ ޓުވީޓުފެނި، އުކާލެވުނު ސަފްޙާތަކުންނާއި، މީސް މީޑިއާގެ ''އެހީގެ އަތުން'' ފައިޞަލްގެ އިޖުތިމާޢީ ދިގު ދަތުރުން ކުޑަ މިންވަރެއް ދެނެގަނެވުނެވެ.

އެމަނިކުފާނުގެ އިޖުތިމާޢީ ހަޔާތުގެ ތެރެއަށް ފީނާ ބަލައިލިއިރު ފެންނާން އޮތީ، އިޖްތިމާޢީގޮތުން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ ބިންގާ އެޅިގެން ގޮސްފައިވަނީ، 1986 ވަނަ އަހަރު މެކްސިކޯ ވޯރލްޑްކަޕުގައި، މަރަޑޯނާ އަޅުގަނޑުމެންގެ ތެރެއަށް މަޝްޢޫރުވެގެން ދިޔަ ދުވަސްވަރު އުފެދުނު ފޯރިއާއި ޖޯޝުގެ ތެރެއިން ކަމެވެ.

2010 ވަނަ އަހަރު ބޭއްވި ވޯރލްޑްކަޕްގެ ވީޓީގެ ޕްރީ ޝޯގައި، ބައިވެރިވެވަޑައިގެން އެ ޝޯގައި ފައިޞަލް ވިދާޅުވެފައި ވަނީ އެމަނިކުފާނު އާޖެންޓީނާއަށް ކުރަށްވާ ސަޕޯޓަކީ މަރަޑޯނާއަށް ކުރައްވާ ސަޕޯޓް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އިޖްތިމާޢީ ހަރަކާތްތަށް ފެށުމަށް މަގުފަހިވެގެން ދިޔަ މައިގަނޑު އެއް ސަބަބު ކަމަށެވެ.

ފައިސަލް ފައުންޑޭޝަނުން އިންތިޒާމު ކުރައްވައިގެން 1986 ވަނަ އަހަރު ފުވައްމުލަކުގައި ބޭއްވެވި ފުޓްބޯޅަ މުބާރެއްތެ ތެރެއިން، ފޮޓޯ: ފައިސަލް ފައުންޑޭޝަން

ދުނިޔޭގެ ނިސްބަތުން އުފެދުނު މޮޅެތި ފުޓްބޯޅަ ތަރިންގެ ތެރޭގައި ހުނިޖަހާލެވުނު މަރަޑޯނާގެ ''ބޮޑު ފޭނެއް''ގެ ގޮތުގައި ފައިޞަލް ދެމި ހުންނެވި މައިގަނޑު އެއް ސަބަބަކީ ވެސް މަރަޑޯނާއަށް ކުރެވުނު ސަޕޯޓްގެ ތެރެއިން އުފެދު ރޫޙްގައި ފެށުނު އިޖްތިމާޢީ މަސައްކަތްތައްކަން އެމަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ.

މުބާރާތެއް ފެށުމުގެ ރަސްމިއްޔާތުގައި ފައިޞަލް ބައިވެރިވެ ވަޑައިގަންނަވަނީ، ފޮޓޯ: ފައިޞަލް ފައުންޑޭޝަން

ފައިޞަލް ވަރަށް ތުއްޕުޅުއިރު 1986 ވަނަ އަހަރު، އެމަނިކުފާނުގެ އުފަން ރަށް، ފުވައްމުލަކުގައި ''ފައިޞަލް ކަޕް'' ގެ ނަމުގައި ފުޓުބޯޅަ މުބާރަތެއް ބޭއްވެވިއެވެ. އެމަނިކުފާނުގެ އިޖުތިމާޢީ ހަރަކާތުގެ ދިގު މާޒީގެ ތެރެއިން، ކުޅިވަރުގެ ފެށުމަކީ އެއެވެ. މިމުބާރާތާއި އެކު 2008 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފުޓުބޯޅަ މުބާރަތްތަކެއް ފުވައްމުލައްކުގައި ބޭއްވިއެވެ.

2008 ވަނަ އަހަރު ފައިސަލް ފައުންޑޭޝަނުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަން ޓީމަށް ތަށި ދެއްވުމަށްފަހު ފައިސަލް އެޓީމާއިއެކު، ފޮޓޯ: ފައިޞަލް ފައުންޑޭޝަން

މީގެ އިތުރުން ވޯލްޑްކަޕްގެ މެޗްތަށްވެސް ބެލޭނެ އިންތިޒާމްތަށް އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ފުވައްމުލަކުގައި ހަމަޖައްސަވާދެއްވާފައެވެ. މީގެ ތެރެއިން ވެސް 1998 ގައި ބޭއްވި ފްރާންސް ވޯލްޑް ކަޕްގެ މެޗްތަށް ވަގުތުން ބެލޭނެ އިންތިޒާމް، ފުވައްމުލަކުގެ ރަސްމީ ބޯޅަދަނޑުގައި ހަމަޖައްސައިދެއްވިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ވޯލްޑްކަޕް ވަގުތުން ބެލޭނެ އިންތިޒާމް މިގޮތަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފައިސަލް އިނާމު ދެއްވަނީ، ފޮޓޯ: ފައިސަލް ފައުންޑޭޝަން

ފުވައްމުލަކު ނަލަކަމާއި، ޗާލުކަން ދައްކައިދީ، އެރަށަށް ޒިޔާރަތް ކުރުމަށް އެދި ފައިސަލް ފައުންޑޭޝަނުން 2013 ވަނަ އަހަރުގެ ތެރޭގައި ހިންގި ''ވިޒިޓް ފުވައްމުލައް'' ކެމްޕޭނަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ހަރަކާތެކެވެ. މި ގޮތުން މި ކެމްޕެއިންގެ ދަށުން ފުވައްމުލަކުގެ މުއައްސަސާތަކާއި ގުޅިގެން، އެ ފައުންޑޭޝަނުން ވަނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން އެރަށަށް ގެންގޮސްފައެވެ. މީގެތެރޭގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހިމެޑެލްއެއް ހޯދައިދިން، 1984 ވަނަ އަހަރުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ފައިޞަލްވަނީ ކުޅިވަރުގެ ދާއިރާގެ އިތުރުންވެސް 1986 ވަނަ އަހަރުން ފެށިގެން، މުޖްތަމަޢުއަށް އެއިރެއްގައި އެންމެ މުހިންމު ދާއިރާތަކަށް އިސްކަން ދެއްވައިގެން، ވެވުނު މިންވަރަކުން، ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ އިޖްތިމާޢީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

''ވިޒިޓް ފުވައްމުލައް'' ކެމްޕެއިންގެ ތެރެއިން ކުރިއަށް ދިޔަ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށްފަހު، ފޮޓޯ: ފައިސަލް ފައުންޑޭޝަން

މިހުރިހާ ކަމެއްގެ އަސްލު ގުޅިފައި މިވަނީ 1986 ވަނަ އަހަރު މެކްސިކޯ ވޯރލްޑްކަޕްގައި މެރަޑޯނާ ދެއްކި ކުޅުމުގެ ސަބަބުން އުފަންވި ފޯރިއާއި ޖޯޝެވެ. ފައިޞަލްގެ، ފައިސަލް ފައުންޑޭޝަންގެ ލޯގޯގައިވާ "Since1986" ގެ މާނަވެސް ގުޅިފައި މިވަނީ ފައިޞަލްގެ އިޖްތިމާޢީ ހަރަކާތުގެ ފެށުމަށެވެ. ނުވަތަ މަރަޑޯނާއަށެވެ.

މަރަޑޯނާ ވަކިވެ ދިޔައީއެވެ. މަރަޑޯނާގެ ކުޅަދާނަ ހުނަރުން އުފެދުނު ޖޯޝްގައި، އިޖުތިމާޢީ ދިގު ދަތުރެއް ކުރެއްވި، އަދުގެ ރާއްޖޭގެ ނައިބު ރައީސްގެ މަޤާމްގައި ހުންނެވި ފައިޞަލް ނަސީމް ފެއްޓެވި އިޖުތިމާޢީ ޚިދުމަތް، މިއަދު މިވަނީ ޤައުމީ ޚިދުމަތަށް ފުރޮޅިފައެވެ.