ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ކޮންމެތަނަކަށް ވަޑައިގަތަސް ފެނިގެންދަނީ އެމަނިކުފާނުގެ ހިތްހެޔޮކަންކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)، ރައީސް ޞާލިޙަށް ތައުރީފް ކުރައްވައިފިއެވެ.

އިބްރޭ، ރައީސް ޞާލިޙަށް މިމޭރުމުން ތައުރީފް ކުރައްވާފައި ވަނީ މޯލްޑިވިއަންގެ ފްލެޓެއްގެ ތެރޭގައި ދޮށީ އުމުރުގެ މީހަކާއި ރައީސް ޞާލިޙް ވާހަކަ ދައްކަވަން ހުންނެވި ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ބެލެވޭގޮތުގައި އެ ފޮޓޯތަކީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަތް ދަތުރުމަތީގެ ފޮޓޯއެކެވެ.

Ad
rt

އިބްރޭ ވިދާޅުވެފައި ވަނީ، ދަތުރެއް މަތީކަމަށް ވިއަސް، މަގުމަތި ކަމަށް ވިއަސް އަދި އޮފީސް ތެރެކަމަށް ވިއަސް ފެންނަނީ ރައީސް ޞާލިޙްގެ ހިންހެޔޮކަމާއި އޯގާތެރިކަން ކަމަށެވެ. އަދި 2023 ވަނަ އަހަރު ރައީސް ޞާލިޙް ހޮވަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ރައީސް ޞާލިޙް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ތާރީޚް އަދި ފައިނަލެއް ނުކުރެއެވެ. އެ ޕްރައިމަރީގައި ރައީސް ވާދަކުރައްވާނެކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތައް އަންނަނީ 2023 ގައި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ބުނަމުންނެވެ.

ގދ.ފަރެސްމާތޮޑާގައި ކުރިޔަށްދާ 42 ވަނަ މަސްވެރިންގެ ދުވަހުގެ އިޙްތިފާލްގައި ބައިވެރިވަޑައިގަތުމަށްފަހު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. އެރަށުގައި ކުރިއަށް ދިޔަ މަސްވެރިންގެ ފޯރަމްގައި މަސްވެރިންގެ އަޑު އެއްސެވުމަށްފަހު މިދަތުރުފުޅުގައި، ރައީސް ޞާލިޙް ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް އަންނަ 2023 ވަނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ވިދާޅުވެފައެވެ.