ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ "ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ދިރިއުޅޭ ޒުވާނުން ފުޓްބޯޅައަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމާއި، ޒުވާނުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ކުޅިވަރުގެ ތެރެއިން އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރުމާއި، ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ ޣާޒީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި އެއްވެސް މުއައްސަސާއެއް އަދި ކުލަބު ޖަމިއްޔާއެއްގެ ނަމުގައި ޓީމެއް ބައިވެރިއެއް ނުކުރެވޭނެއެވެ. މި މުބާރާތް ހާއްސަ ކޮށްފައިވަނީ އެ ރަށުގައި އެކުލަވާލެވިފައިވާ ޓީމްތަކަށެވެ. ނަމަވެސް އިހަވަންދޫގެ އާންމު ފަރުދަކު މުބާރާތުގައި ބައިވެރިވުމަށް ޓީމެއް އެކުލަވާލައި މުބާރާތުގައި ބައިވެރިވެވިދާނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ޓީމް ރަޖިސްޓަރީ ކުރުމަށް ފުރަން ޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ސަބްމިޓް ކުރެއްވުމަށް އިމަގު ޖަމިއްޔާއިން އެދިލައްވައެވެ.
ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް:
މުބާރާތުގެ ޤަވައިދު:
ޓީމް ލިސްޓް ހުށަހަޅާ ފޯމް:
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!