ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ.
އެ ތުނޑިން އޮކްޓޯބަރު، 2021 ގައި ވެސް ވަނީ އާސާރީ ވަޅެއް ފެނިފައެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، އުތީމު ހުޅަނގު ފަރާތު ތުނޑިން ނުވަތަ އުތީމު ދޫނި ތުނޑިން އާސާރީ ވަޅެއް ފެނިގެން އެކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ފަންނާއި، ސަގާފަތާބެހޭ ވުޒާރާއަށް އެކަން މިއަދު ހެނދުނު އެންގި ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި އެ ވުޒާރާގެ ލަފާގެ މަތިން އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒާއި، އެރަށުގެ ކްލަބް ޖަމިއްޔާތަކާއި ގުޅިގެން މިއަދު މެންދުރުފަހު 2:00 ގައި އެވަޅު ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
''ހެރިޓޭޖް މިނިސްޓްރީން ނިންމާފައި ވަނީ ކުރިން ފެނުނު ވަޅެކޭ އެއްގޮތަށް މި ވަޅުވެސް ނަގައިގެން ގެންގޮސް އެރަށު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބެހެއްޓުމަށް'' ރަޝީދު ވިދާޅުވިއެވެ.
އުތީމު ތުނޑިން ފެނުނު އާސާރީ ވަޅު، ފޮޓޯ: އުތީމު ކައުންސިލް
ރަޝީދު ވިދާޅުވީ، އެރަށު ދޫނި ތުނޑިން އިތުރު ވަޅެއް ފެނުމާއެކު އެ ސަރަހައްދަކީ ކުރިން މީހުން އުޅެފައިވާ ސަރަހައްދެއްކަން އިތުރަށް ޔަޤީން ވެގެން ހިނގައްޖެކަމަށެވެ.
''މި ވަޅުވެސް މިފެނުނީ އެ ސަރަހައްދު ގިރަމުން ގިރަމުން ގޮސް، އުތީމަކީ ރާއްޖޭގެ އެންމެ މުއްސަނދި ތާރީޚާއި ސަގާފަތް އޮތް އެއް ރަށް، މިރަށް ހިމާޔަތްކޮށް ދިނުމަށް ކުރިން ވެސް ވާނީ ކަމާބެހޭ ފަރާތްތަކުގައި އެކިފަހަރުމަތިން ދެންނެވިފައި، އެކަމަކު އެކަމަށް އަލިމަގެއްނުފެނި ރަށް ގިރަމުންދަނީ، މިއީ ވަރަށް ހިތާމަ ކުރާ ކަމެއް'' ރަޝީދު ވިދާޅުވިއެވެ.
އުތީމު ތުނޑިން ފެނުނު އާސާރީ ވަޅު، ފޮޓޯ: އުތީމު ކައުންސިލް
ރަޝީދު ވިދާޅުވިގޮތުގައި، މިފަހަރު ވަޅު ފެނުނީ ކުރިން ވަޅު ފެނުނު ތަނާއި، ފަންސާހަކަށް ފޫޓް ދުރުންނެވެ. އަދި އެ ސަރަހައްދު ގިރަމުން ދާތީ، މިފަދަ އިތުރު އާސާރީ ތަކެތި ފެނުން އަދިވެސް އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި
''އުތީމު ގިރާ ސަރަހައްދު ހިމާޔަތްކޮށް ދިނުން އެދި އަޅުގަނޑުމެން އާދޭސް ދަންނަވަން އިނގޭތޯ" ރަޝީދު ވިދާޅުވިއެވެ.
އުތީމު ތުނޑިން ފެނުނު އާސާރީ ވަޅު، ފޮޓޯ: އުތީމު ކައުންސިލް
އެ ސަރައްދުން ކުރިން ފެނުނު ވަޅާއި ގުޅިގެން އުތީމު ކައުންސިލުން އޭރު ވިދާޅުވެފައި ވަނީ، އެ ވަޅަށް އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވެދާނެކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އެހެން ކަމަށް ވާނަމަ އެ ވަޅަކީ މީގެ 500 އެއް ހާ އަހަރު ކުރީގެ ވަޅެއްކަމަށް ބެލެވޭ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އުތީމު ދޫނި ތުނޑިން ފެނިފައިވާ އާސާރީ ވަޅުތަކަކީ، ހިރިގަލުން ހަދާފައި ހުރި ވަޅުތަކެކެވެ. އެ ވަޅުތައް ފެނުނު ތުނޑިއަކީ ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން އުޅުއްވިކަމަށް ބުނާ ތުނޑިއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!