ވިނަރެސް ފްލެޓުތަކަށް ފޯމް ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އަންނަ މަހުގެ 11 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ 'ވިނަރެސް' ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ، އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެކޯޕަރޭޝަނުގެ މައިހުޅުމާލެ ހައުސިންގ ޕޯރޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއިން ވަކި އަދަދެއްގެ ފުލެޓުވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މާލޭ ރަށްވެހިންނަށް ހާއްސަ ކޮށްފަ އެވެ.

އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ ފަރާތްތަކަށާއި މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ވިނަރެސް އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލި އެވެ.

ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު، އެޗްޑީސީ އިން އިއުލާނު ކުރިއިރު، ފޯމް ލީ 1413 މީހުންގެ ތެރެއިން ލިސްޓުގައި ހިމެނެނީ 723 މީހުން ނެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބެލެވޭ މިންގަނޑުތަކަށް ޕްލޭނިންގ މިނިސްޓްރީ އިން ބެލުމަށްފަހު، ޝަރުތު ހަމަވެފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ މައުލޫމާތު އިއުލާނާއެކު ޝާއިއުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީ އިން ވިދާޅުވެފައި ވަނީ އެ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމާއި ގުޅޭގޮތުން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އަދި މައި- އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށް ވުރެން ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއި އެކު ކަމަށެވެ.

މީގެ އިތުރުން އެ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މައި ހުޅުމާލެ ހައުސިންގ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީ އިން ވިދާޅުވި އެވެ. އަދި ޕްލޭނިންގ މިނިސްޓްރީ އިން ޝަކުވާއަށް ޖަވާބުދޭނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެ އެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގަ އެވެ.