މިރޭ ގަތަރުގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުން މުބާރާތް ބާއްވާ ގަތަރު ބަލިވެ، ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ މެޗުން މުބާރާތް ބާއްވާ ޤައުމު ބަލިވުމުގެ ރެކޯޑު ގަތަރަށްލިބިއްޖެއެވެ.
މިރޭ މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރު ނުކުމެފައި ވަނީ އިކުއެޑޯއާއި ދެކޮޅަށެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިކުއެޑޯއެވެ.
މެޗު ފެށިތާ ތިން މިނެޓްގެ ތެރޭގައި އިކުއެޑޯއިން ލަނޑެއް ޖެހިއެވެ. އެ ޓީމަށް ގަތަރު އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ކުޅުނު ބޯޅަ ގަތަރުގެ ކުޅުންތެރިންނަށް ކުލިއާ ނުކޮށްލެވުމުން ތަނަވަސްވި ފުރުޞަތުގައި އިކުއެޑޯގެ އެނާ ވެލެންސިއާ ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ފުރުޞަތު ތަނަވަސް ވުމުގެ ތެރޭ އިކުއެޑޯ ކުޅުންތެރިއަކު އިފްސައިޑް ވުމުން ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
ފުރަތަމަ ހާފުގައި އިކުއެޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ފުރަތަމަ ލަނޑު އިކުއެޑޯއިން ކާމިޔާބު ކޮށްފައި ވަނީ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެނާ ވެލެންސިއާއެވެ. މި ޕެނަލްޓީ އިކުއެޑޯއަށް ލިބިފައިވަނީ ގަތަރުގެ އޭރިއާ ތެރެއިން ވެލެންސިއާއަށް ގަތަރުގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިކުއެޑޯއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި އިކުއެޑޯގެ ޕްރެސިޑޯ ގަތަރުގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ވެސް އެނާ ވެލެންސިއާއެވެ. އިކުއެޑޯ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މިހާރު ވެސް އޮންނަނީ ވެލެންސިއާ އަތުގައެވެ.
ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ގަތަރު ފެނުނީ ރަނގަޅު ކޮށެވެ. ލިބޭ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ އިތުރުން، އިކުއެޑޯއަށް ގަތަރު ހާފުގައި ކުޅެން ލިބޭ ޖާގަތަށް މަދުކުރިތަން ވަނީ ފެނިގެން ގޮސްފައެވެ.
މެޗުގެ ފަހު ވަގުތު ގަތަރުން ވަނީ ނުރައްކާތެރި ހަމަލާއެއް ވެސް އުފައްދާފައެވެ. ގަތަރުގެ ފޯވާޑް މުހައްމަދު މުންތާރީ އިކުއެޑޯގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.
މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އިރުއޮއްސި 6 ޖަހާއިރު އިންގްލެންޑް ނުކުންނާނީ އިރާނާއި ދެކޮޅަށެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މާދަމާ ރޭ 9 ޖަހާއިރު ސެނެގާލް ނުކުންނާނީ ނެދަލެންޑްސްއާއި ދެކޮޅަށެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!