މިނިސްޓްރީ އޮފް ފިޝަރީސް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގުރާމްގެ ދަށުން ށ. ފޭދޫ ކައުންސިލްއާއި ގުޅިގެން އެ ރަށުގައި ހިންގާ ބޭސިކް ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުން މެދުގައި ދަނޑުވެރިކަމަށް އޮންނަ ލޯބި އިތުރުކޮށް، ދަނޑުވެރިކަން ކުރިއަރުވައި އެކަމާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 21 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގައި ގަސް މުޑުވަށް ކުރާނެ ގޮތާއި، ބިން ތައްޔާރުކުރާނެ ގޮތާއި، ރަނގަޅު މުޑުވަށް ޚިޔާރު ކުރާނެގޮތާއި، ގަސްތަކަށް ޖެހޭ ބަލިތަކާއި އެ ބަލިތަކުން ގަސް ސަލާމަތް ކުރާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން ދަނޑުވެރިކަމާއި ގުޅުންހުރި ތަފާތު ގިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަން ވިދާޅުވެފައި ވަނީ މި ރަށުގައި މިހާރުވެސް ދަނޑުވެރިކަމަށް ލޯބިކުރާ ގިނަބަޔަކު އުޅޭ ކަމަށާއި އެ ފާރާތްތަކުން އަމިއްލަ ގޭގައި އޮންނަ ހުސް ބިންތަކުގައި ތަފާތު ގަސްތައް މިހާރު ވެސް ހައްދަމުން އަންނަ ކަމަށެވެ.
އެ ރަށުން ރަސްމީކޮށް ދަނޑުބިން މިހާތަނަށް ދޫނުކުރެވި އޮތީ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް އެއްކޮށް ނިންމާނުލެވި އޮތުމުން ކަމަށާއި ނަމަވެސް މިހާރު ލޭންޑް ޔޫސް ޕްލޭން ނިމުމުގެ އެންމެ ފަހު މަރުހަލާއަށް އާދެވިފައިވާ ކަމަށެވެ. ލޭންޑް ޔޫސް ޕްލޭން ނިމުމާއިއެކު އެ ރަށުގެ ދަނޑުވެރިންނަށް، ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރެވިގެންދާނެ ކަމަށެވެ.
ކައުންސިލުގެ ވިސްނުމަކީ ވެސް އެ ރަށުގައި ދަނޑުވެރިކަން ފުޅާ ކޮށް އިތުރު ހަރުފަތަކަށް އެކަން ކުރިއަށް ގެންދިޔުން ކަމަށާއި، މިގޮތުން ފާއިތުވި ތަނުގައިވެސް ދަނޑުވެރިކަމާއި ގުޅޭ ހަތަރު ޕްރޮގްރާމެއް އެ ރަށުގައި ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. މިހާރު މި ހިންގޭ ޕްރޮގްރާމްގެ ދެވަނަ ބައި ވެސް މާ ލަސްތަކެއްނުވެ ކުރިއަށް ގެންދެވޭނެކަމުގެ އިންމީދު ކުރާކަމުގައި ރައިޝަން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!