މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ އިއްޔެ ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށާއި މުސްތަޤްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޭ ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތްކުރެއްވުމުގައި މި އެކްސްޕޯގެ އެކި ސްޓޯލަތަކަށް ވަޑައިގެން އެތަންތަނުން ދެމުންގެންދާ މަޢުލޫމާތުތައް އޮޅުންފިލުއްވައި، އެވަގުތު އެކްސްޕޯގައި ތިބި ބައެއް ޒުވާނުނާ ރައީސްގެ ދެކަނބަލުން ވަނީ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އިއްޔެ ފެށި ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޙާއްސަކޮށް ޒުވާނުން މަތީ ތަޢުލީމާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖޭން ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރުމުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް މި އެކްސްޕޯގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި އެކްސްޕޯ އަމާޒުކޮށްފައިވަނީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. އެގޮތުން މަދަރުސާތަކުގެ ގްރޭޑް 9،10،11،12 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށާއި، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް މަދަރުސާ ނިންމާ ކުދިންނަށާއި، މަތީ ތަޢުލީމު ޙާޞިލުކުރަމުންނުދާ ކުދިންނަށް މި އެކްސްޕޯގެ ޒަރިއްޔާއިން ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ.
30 ސްޓޯލް ހިމެނޭ މި އެކްސްޕޯގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކާއި، ޓިވެޓް ސެންޓަރާއި، އެސް.އޯ.އީ ތަކާއި، ސަރުކާރުގެ އިދާރާތަކާއި، ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވިއެވެ. އަދި ޕެނަލް ޑިސްކަޝަންތަކާއި، މެހެމާނުން ވާހަކަދެއްކުން ކުރިއަށް ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!