ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށް ރައީސް ޞާލިޙް، ޝުކުރު އަދާކުރެއްވީ އެމަނިކުފާނު މިއަދު އެތަނަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްލުކުރައްވައި ދެއްކެވި ވާހަކަފުޅުއިގައެވެ. ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ވޯރލްޑް ޓްރެވަލް އެވޯޑްގައި، ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑާއި އަދި ވޯރލްޑް ލީޑިންގް ޓުއަރިސްޓް ބޯޑް އެވޯޑް ލިބިފައިވާތީ އެކަން ވަނީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވައިފައެވެ.
އެ އެވޯޑްތައް ލިބުނުކަން ފަހަގަ ކުރައްވައި، އެ ފަޚުރު ހާސިލް ކުރުމުގައި އެމްއެމްޕީއާރްސީ ގެ ދައުރު ބޮޑުކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެތަނުގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވެފައިއެވެ.
މީގެ އިތުރުން މިއަދު އެމްއެމްޕީއާރްސީގެ މުވައްޒަފުންނާ ބައްލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯވިޑްގެ ދަތި ދުވަސްވަރު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރި މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އަދި، ފާތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރުކަން ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެމްއެމްޕީއާރްސީއަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެންގުޅޭ 'ޓޭލްސް އޮފް މޯލްޑިވްސް' ފޮތްތަކުގެ ކޮޕީއަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން 2021 ވަނަ އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ރައީސަށް ވެދުމަށް އެރުވިއެވެ.
ވޯރލްޑް ލީޑިންޑް ޓްއަރިސްޓް ބޯޑު އެވޯޑް ރައްޖެއަށް ލިބުނު މިއީ ފުރަތަމަ އަހަރެވެ. އަދި، ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ވަނީ މި އަހަރާއެކު ވިދިވިދިގެން 3 އަހަރު ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!