ޕާޓީކުރަން ތިއްބާ ބަޔަކު ހައްޔަރުކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެއިން ނޫން ކަމަށާއި އަދި އެމީހުން ޕާޓީކުރަން ތިބީ އެމަނިކުފާނާ ގުޅުން އޮތް ގެއަކު ވެސް ނޫން ކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރު ކުރީ ޝާހިދުގެ ގެއިން ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކުރުމުން އެކަމަށް ރައްދު ދެއްވާ ނެރުނު ބަޔާނެއްގަ އެވެ.

Ad
rt

އެ ބަޔާނުގައި ވިދާޅުވީ އެ ހަބަރުގައިވާ މައުލޫމާތުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމަނައިގެން ލިޔެފައިވާ ހަބަރެއް ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންނަށް ސީދާ އޮޅުވާލުމުގެ މަގުސަދުގައި އަދި ޝާހިދު ބަދުނާމުކޮށް، އަބުރު ކަތިލުމުގެ ނިޔަތުގައި ޝާއިއު ކޮށްފައިވާ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވިދާޅުވީ ކަން ހިންގާފައިވާ ގޮތަށް ބަލާއިރު އާއި ފުލުހުން ދީފައިވާ ސައްހަ މައުލޫމާތުން އިނގޭ ގޮތުގައި އެއީ ޝާހިދުއާ އެއްވެސް މިންވަރަކަށް ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެކަން ހިނގައިފައި ވަނީ ޝާހިދުއާ އެއްވެސް ވަރަކަށް ގުޅުން ހުރި އިމާރާތެއްގައި ނޫންކަން ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އެ ހަބަރު ރަނގަޅު ކުރަން އެ ނޫހުގައި އެދިފައިވާނެ ކަމަށާއި ނަމަވެސް އެ ނޫހުން އިޖާބަ ނުދިނުމުން ތަކުރާރުކޮށް ގުޅުމުން ފޯނަށް މިހާރު ޖަވާބެއް ވެސް ނުދޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. އަދި އެއީ އެ ނޫހުން ހިންގި ވަރަށް ނާ ތަހުޒީބު ފިނޑި އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަންކޮށްފައި ވަނީ ޒާތީ ތައައްސުބް އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގަ." ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ.

އެ މިނިސްޓްރީން ވަނީ އެ ހަބަރާ ގުޅޭ މައްސަލަ ތަހުގީގުކޮށްދީ އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.