ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްޓެލްކޯގެ "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން ވަނީ މިއަދު ސްޓެލްކޯގެ "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި އަދި އެ ޗައިލްޑްކެއަރ ސެންޓަރ ބައްލަވާލައްވައިފިއެވެ.
ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރަކީ، ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ހުޅުވައި، ޚިދުމަތް ދެމުން އަންނަ ތަނެކެވެ. އަދި މިއީ އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި ފުރަތަމަ ޑޭ ކެއާ ސެންޓަރެވެ.
މި ސެންޓަރ ހުޅުވާފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ. ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައި ހުޅުވާފައިވާ މި ސެންޓަރަކީ ޢުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ.
ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރެޖިސްޓަރކޮށްފައެވެ. މި ސެންޓަރުގައި ޚިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ޚާއްޞަ ތަމްރީންތައް ލިބިފައިވާ ޤާބިލް ފަރާތްތަކެކެވެ. އަދި، މި ސެންޓަރ ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާޙައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށެވެ.
މި ސެންޓަރު ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފެށީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!