ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިން ބީޗް ސިޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

ރޭ ކުޅުން ފައިނަލް މެޗުގައި ޒީރު ސްޕޯޓްސް ކުލަބްގައި ތަފާތު ދައްކާފައި ވަނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިއާ ކަމުގައިވާ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ ވަނީ ފައިނަލް މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ދެން ޒީރުއަށް ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އާސިމް އަލީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ ހާއްޕެއެވެ.

ރޭގެ މެޗުގައި ބީޗް ސިޓީއަށް ލަނޑުތައް ކާމިޔާބު ކޮށްދިފައި ވަނީ ނީޝަން އިބްރާހީމްގެ އިތުރުން އަލީ މަލާޝްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

  • އަހުމަދު ޝިޒާން، (15) އައްޓޯ އެފްސީ
  • އަލީ ހާފިޒް، (9) ޒީރު ސްޕޯޓްސް ކުލަބް
  • މުޙައްމަދު އާދަމް، (8) ލަޔަން
  • ފަހުމާން އަބްދުލް ހަމީދު، (16) ބީޗް ސިޓީ ސްޕޯޓްސް ކުލަބް
  • ރާޝިދު މޫސާ، (15) ޒީރު ސްޕޯޓްސް ކުލަބް

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ މުޝްރިފް މުޙައްމަދެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ލެންޓަން އެފްސީއެވެ. މުބާރާތުގައި 8 ލަނޑު ޖަހައިގެން، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހާއްޕެއެވެ. އަދި މުބާރާތުގެ އެނެމް މޮޅު ކުޅުންތެރިއާ (ކިންގް އޮފް ދި ޓޯނަމަންޓް) އަށް ހޮވިފައި ވަނީ ވެސް ހާއްޕެއެވެ.

މުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން ކުމުންދޫގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާއަށް ހޮވިފައިވަނީ ބީޗް ސިޓީ ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 16، ފަހުމާން އަބްދުލް ހަމީދެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކީ ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ. އެ ޓީމަށް ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް، ފައިސާގެ އިނާމެއްގެ ގޮތުގައި ކައުންސިލުން ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ 10000 (ދިހަހާސް) ރުފިޔާގެ އިތުރުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅާފައިވާ 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލު ކޮށްފައެވެ.

ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނަކީ ހދ.އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަޔާޒެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.