ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގެ ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު މެޗުތައް އައްޓޯ އެފްސީއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ގްރޫޕް އޭގައި އައްޓޯ އެފްސީއާއި ލާޒިއޯ ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ އައްޓޯ އެފްސީއެވެ. މި މެޗުގައި އައްޓޯއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ މުޝްރިފް މުޙައްމަދުގެ އިތުރުން ނާހިލް އައްބާސްއެވެ. މުޝްރިފް ވަނީ މެޗުގައި ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

Ad
rt

ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ އެސްޕޯޓެސް ޖުވެނިސްއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބީޗް ސިޓީއެވެ. ބީޗް ސިޓީއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ޖުމައިލް ޖަމީލުގެ އިތުރުން ފަހުމާން އަބްދުލް ހަމީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބީޗް ސިޓީގެ ޖޯޒީ ނަމްބަރު 16، ފަހުމާން އަބްދުލް ހަމީދެވެ.

މިއަދު ވެސް ފިރިހެން ކެޓަގަރީގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:30 ގައި ބައްދަލުކުރާނީ ލަޔަންއާއި ލާޒިއޯއެވެ. ދެވަނަ މެޗުގައި މިރޭ 21:00 ގައި ބައްދަލުކުރާނީ ލެންޓާން އެފްސީއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ.

މިހާހިސާބަށް އައިއިރު މުބާރާތުގެ ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު، ގްރޫޕް އޭގެ ކުޅުނު 2 މެޗުން ލިބުނު 6 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ލަޔަންއެވެ. ދެވަނާގައި ކުޅުނު ދެ މެޗުން ލިބުނު 3 ޕޮއިންޓާއިއެކު އައްޓޯ އެފްސީ އޮތްއިރު، ތިންވަނާގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު 1 ޕޮއިންޓާއިއެކު އަތިރިކޮޅު ލެޖެންޑްސްއެވެ. މިވަގުތު ތާވަލުގެ ފުލުގައި އޮތް ލާޒިއޯއަށް ވެސް ލިބިފައި ވަނީ 1 ޕޮއިންޓެވެ.

ގްރޫޕް ބީގެ އެއްވަނާގައި ކުޅުނު 2 މެޗުން ލިބުނު 4 ޕޮއިންޓާއިއެކު ޒީރު ސްޕޯޓްސް ކުލަބު އޮތްއިރު، ދެވަނާގައި އޮތް ބީޗް ސިޓީ ސްޕޯޓްސް ކުލަބަށް ވެސް ވަނީ 2 މެޗުން 4 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ 3 ވަނާގައި 2 މެޗުން ލިބުނު 3 ޕޮއިންޓާއިއެކު އެސްޕޯޓެސް ޖުވެނިސް އޮތްއިރު، ފުލުގައި އޮތީ ލެންޓާން އެފްސީއެވެ. ލެންޓާންއަށް އަދި ޕޮއިންޓެއް ލިބިފައި ނުވެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.