މެދުރާއްޖެތެރޭގެ ރަށްތަކަށް މިއަދު މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ވިދާޅުވެއްޖެ އެވެ.

މެޓް އޮފީހުން، މިއަދުގެ އިރުއޮއްސުމާއި ހަމައަށް ނެރެފައިވާ މޫސުމީ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ ދެކުނާއި މެދުރާއްޖޭގެ ރަށްތަކަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްރަރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

Ad
rt

އެ އޮފީހުން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރައްވާފައިވާއިރު، އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވިދާޅުވެ އެވެ.

މެޓް އޮފީހުން ވިދާޅުވީ ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައި ކަމަށެވެ.