ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލުން ފޭދޫ ހޭންޑްބޯލް ޓީމުން ޖާގަ ކަށަވަރު ކޮށްފިއެވެ.

މި މުބާރާތުގައި މިއަދު ވެސް ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫ އޭގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ބިލެތްފައްސެވެ. މި މެޗު 15 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޭދޫއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 8، އައިމިނަތު ރިޝްތާއެވެ.

Ad
rt

މި ގްރޫޕްގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ގޮއިދޫއެވެ. މި މެޗު 5 ލަނޑު 3 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ގޮއިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގޮއިދޫ ޓީމްގެ ޖޯޒީ ނަމްބަރު 18، އައިޝަތު ރައުޝާއެވެ.

މި ގްރޫޕްގައި ފޭދޫއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެ ޓީމުން ވަނީ ތިން މެޗު ކާމިޔާބުކޮށް ލިބުނު 9 ޕޮއިންޓާއިއެކު ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ގްރޫޕްގެ ދެވަނާގައި މިވަގުތު އޮތީ 2 މެޗުން ލިބުނު 3 ޕޮއިންޓާއިއެކު ފޯކައިދޫއެވެ. މި ގްރޫޕުގައި ދެން އޮތް ބިލެތްފައްސާއި ކަނޑިތީމްގެ އިތުރުން ގޮއިދޫއަށް ލިބިފައި ވަނީ 3 މެޗުން 3 ޕޮއިންޓެވެ.

ގްރޫޕް ބީގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފުނަދޫއާއި މިލަންދޫއެވެ. މި މެޗު 7 ލަނޑު 3 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިލަންދޫ ޓީމްގެ ޖޯޒީ ނަމްބަރު 88، މަރިޔަމް ލަމްޔާއެވެ.

މި ގްރޫޕްގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މާއުނގޫދޫއާއި ނަރުދޫއެވެ. މި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނަރުދޫ ޓީމްގެ ޖޯޒީ ނަމްބަރު 19، ފާތިމަތު ސުނާއެވެ.

މިވަގުތު މި ގްރޫޕްގެ އެއްވަނާގައި އޮތީ މިލަންދޫއެވެ. އެ ޓީމަށް ކުޅުނު 2 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއިއެކު އޮތީ ނަރުދޫއެވެ. ގްރޫޕްގެ 3 ވަނާގައި ފުނަދޫ އޮތީ ކުޅުނު 2 މެޗުން ލިބުނު 3 ޕޮއިންޓާއި އެކުގައެވެ. ހަތަރުވަނާގައި އޮތް ޅައިމަގަށް ވެސް 2 މެޗުން ލިބިފައި ވަނީ 3 ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ މާއުނގޫދޫއެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ވެސް ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅޭނެއެވެ. މާދަމާ ކުޅޭ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ބިލެތްފައްސެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޭދޫއާއި ފޯކައިދޫއެވެ.

މާދަމާ ހަވީރު ގްރޫޕް ބީގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނަރުދޫއާއި ފުނަދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މިލަންދޫއާއި ޅައިމަގެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ގްރޫޕެއްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ހޯދާ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.