މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ގެ ނަމުގައި ފޭކް އައިޑީތަކެއް ހަދައިގެން ޒުވާން އަންހެން ކުދިންނާ ފޭސްބުކް އިން ވާހަކަ ދައްކައި، އެ މީހުންގެ ބަރަހަނާ ފޮޓޯތައް ހޯދި މީހަކު ދޮޅު މަހަށް ޖަލަށްލައި، 60،000ރ. އިން ޖޫރިމަނާކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

2017 ވަނަ އަހަރު ފޭސްބުކްގައި މަންޑޭގެ ނަމުގައި ފޭކް އައިޑީތަކެއް ހަދައިގެން ޒުވާން އަންހެން ކުދިންނާ ވާހަކަ ދައްކައިގެން އެ ކުދިންގެ ބަރަހަނާ ފޮޓޯތަކެއް ހޯދި މައްސަލާގައި ދައުލަތުން ދައުވާކުރި ދ. ކުޑަހުވަދޫ ފެންގަސް، އަބްދުﷲ ހައިޝަމް ދަށު ކޯޓުން ސަލާމަތްވި އެވެ.

Ad
rt

ހައިޝަމް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކުރީ އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުނުވުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ހައިޝަމްގެ މައްޗަށް ކުރި އޮރިޔާން ކާޑުގެ ދައުވާ ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވަނީ މަންޑޭއަށް ހެދިގެން އަންހެން ކުދިންނާ ވާހަކަ ދައްކައިގެން ބަރަހަނާ ފޮޓޯތައް ހޯދީ ހައިޝަމް ކަން ސާބިތުވާ ކަމަށެވެ. ފަނޑިޔާރު ހުސައިން ޝަހީދު ނިންމެވީ ކުށް ސާބިތުވާ ހެކި ނެތް ކަމަށެވެ.

އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދަބުގެ ދަރަޖަ މަތިކުރަން ދައުލަތުން އެދުނެވެ. އެކަމަކު ފަނޑިޔާރުން ނިންމީ ދަރަޖަ މަތި ނުކުރެވޭނެ ކަމަށެވެ.

ހައިޝަމް އެދުނީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށް ވާތީ ޖަލަށްލުން ނޫން އަދަބެއް ދިނުމަށެވެ. ފަނޑިޔާރުން ނިންމީ ހަތަރު މަހާއި 24 ދުވަހުގެ އަދަބުގެ އެއް ބައި ޖޫރިމަނާއަކަށް ބަދަލުކޮށް ދިނުމަށްފަހު ދެން އޮތް ބައި ޖަލަށްލުމަށެވެ. އެކަމަކު އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުން ބާކީ އޮތީ 47 ދުވަހުގެ ޖަލު އަދަބެވެ.

އެހެންވުމުން 60،000ރ. ޖޫރިމަނާއިން ކުރުމާ އެކު، އޭނާ 47 ދުވަހަށް ޖަލަށްލާން ހުކުމްކުރި އެވެ.