ހަނިމާދޫ އެއަރޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ތިލަދުން" ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ ފަތުރުވެރިކަމާއި ޖުމްލަކޮށް މުޅި ސަރަހައްދު ތަރައްގީކުރުމުގެ ސަރުކާރުގެ ޕްލޭންތަކުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓު ތަރައްގީވެގެން އަންނައިރު، އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ސަރުކާރުގައި އޮތީ އުތުރުގައި 8000 އެނދު ތަރައްގީކުރުމުގެ ވިޝަންއެއް ކަމަށެވެ.
"އެހެންވެ، އެ ސަރަހައްދު ތަރައްގީވެގެން އަންނައިރު، ހއ އަދި ހދ ހާއްސަކޮށް ބޮޑު ތިލަދުންމަތީގަ ފަތުރުވެރިކަން ކުރިއަރައިގެންދާނެ. އަދިހަމައެއާއެކު ހަނިމާދޫ އެއަރޕޯޓުގެ ތަރައްގީއާ އެއްކޮށް އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އާރްޓީއެލް ފެރީ ނެޓްވޯކާ އެއްކޮށް އެ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ." މިއުވާން ވިދާޅުވި އެވެ.
މިއުވާން އިތުރަށް ވިދާޅުވީ ޖުމްލަގޮތެއްގައި ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް ޓޫރިޒަމް ފުޅާކޮށް، ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް މިހާރުކުރިއަށްދާ ކަމަށެވެ. އެގޮތުން މެދު ރާއްޖެތެރޭގައި ޓޫރިޒަމް އޮތްވަރަށް ނެތް ސަރަހައްދުތަކުގައި ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުގެ ޕްލޭންގެ ދަށުން ކުރިއަށްދާ ކަމަށް މިއުވާން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޓޫރިޒަމްގެ މާސްޓަރ ޕްލޭން އެކުލަވާލެވިގެން އަންނައިރު، އޭގެ ތެރޭގައި އިތުރު ތަފްސީލުތައް ހުންނާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ވަނީ ފައްޓަވާފަ އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފް އާއި އެ މިނިސްޓްރީގެ އިސްބޭފުޅުން އިއްޔެ ހއ. އަތޮޅުން ވަޑައިގަންނަވާފައިވަނީ މޮޅަދޫ އާއި ހޯރަފުއްޓަށެވެ. ހދ. އަތޮޅުން ވަޑައިގެންނެވީ ނޮޅިވަރަމް އާއި ކުޅުދުއްފުށި ސިޓީ އަށެވެ.
މިއީ ތިލަދުންމަތީގެ ރަށްތަކުގައި ފަތުރުވެރިކަމުގެ ހާލަތު ދެނެގަނެ، ލޯކަލް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި އެކަންކަން ރާވައި ހިންގުމާއި ގުޅޭގޮތުން ރަށުގެ މުވައްސަސާތަކާއި އިސްވެރިންނާއި މަޝްވަރާ ކުރެއްވުމަކީ ވެސް މި ދަތުރުފުޅުގެ މަގުސަދެކެވެ.
މި ވަފުދުގެ ބޭފުޅުން ރޭ ވަނީ ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަފީފުއްދީން ސްކޫލު ހޯލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީގައި ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި އާއްމު ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!