ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރަޓަރީގެ މަގާމުގައި ހުންނެވި ހއ ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް ދީދީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ރައްދު ދެއްވައިފި އެވެ.

ހާޝިމް ރައްދު ދެއްވާފައިވަނީ، ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ، އިތުރު ދައުރެއް ލިބިއްޖެ ނަމަ، ދައުރު ނިންމާނީ ދިއްދޫ ފަޅު ހިއްކައި އެއަރޕޯޓެއް އަޅައިދީފައި ކަމަށެވެ.

Ad
rt

ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވާ މީސް މީޑިޔާގައި ހާޝިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ދިއްދޫގެ ފަޅު ހިއްކައިގެން އެއަރޕޯޓެއް އަޅާކަށް ތާއީދެއް ނުކުރައްވާކަމަށާއި އެކަން އެގޮތަށް ކޮށްގެން ވެސް ނުވާނެކަމަށެވެ. ދިއްދޫގައި އެއަރޕޯޓާއި، ތާޖުމަހަލާއި، ބަޚުތުޖަމާލުގެ ތަޚުތު އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެ މަނިކުފާނު ދައްކަވާ ވާހަކަފުޅެއް، ވެވަޑައިގަންނަވާ ވަޢުދެއް ދިއްދޫ މީހުނަކު ޤަބޫލުކުރާނެ ހެނެއް ހިއެއް ނުވާކަމަށްވެސް ހާޝިމް ވިދާޅުވެފައިވެއެވެ.

"އެއަރޕޯޓެއް އަޅާނަމަ އަޅަން ފެންނަނީ އަލިދުއްފަރު ފިނޮޅު ހިއްކައިގެން. އަދި އެހެން ނޫނަސް، ރައީސް ޔާމީންގެ ވެެރިކަމުގެ ކަންކަން ދިޔަ ގޮތުންނާއި ދިއްދޫ ކައުންސިލަށް ހެދި އިހާނެތި ގޮތްތަކުގެ ސަބަބުން އިތުބާރެއް ނުކުރެވޭ."

ހާޝިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހާޝިމް ވިދާޅުވީ، ދިއްދޫ ރައްޔިތުން 2008، 2013 އަދި 2018 ގައި ވެސް ޑީއާރުޕީ/ޕީޕީއެމް އަށް ރިޔާސީ އިންތިޚާބުގައި ވެސް، އަދި 2009، 2014 އަދި 2019 ގެ މަޖިލިސް އިންތިޚާބުގައި ވެސް އަދި 2011، 2014، 2017 އަދި 2021 ގެ ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް އިތުބާރުކޮށްފައި ނުވާކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމެއްގައި މިހާރު ހުންނެވި ހާޝިމް ވިދާޅުވެފައިވަނީ، މިއަދުގެ ސަރުކާރުގެ ވައުދުތައް ރަނުން ރަނަށް ފުއްދުމުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާތީއާއި، މަޖިލިސް މެމްބަރު މަޖިލިސް އިދާރާގެ ފާރުމަތިން ނަގާ އުކާނުލާތީއާއި، ދިއްދޫގެ މިހާރުގެ ކައުންސިލްގެ ރައީސްގެ ޕާޓީއާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއާއި ތަފާތުވީތީވެ އަނިޔާކޮށް، ސަސްޕެންޑްކޮށް، ހައްޔަރުނުކުރާތީވެ 2023 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް އިތުބާރުނުކޮށް ވަކި ޕީޕީއެމް އަށް އިތުބާރުކުރާނެ ކަމަކަށް ވެސް ނުފެންނަ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަން ނިންމަވާލެއްވި އިރު ވެސް ދިއްދުއަށް، 2018 ގެ ކެމްޕެއިން ދަތުރު ނޫނީ އެންމެ ފަހަރަކު ވެސް ވަޑައިގަތީކީ ނޫން. ސްކޫލް ޕްރިންސިޕަލާއި، ދާއިރާގެ މެމްބަރާއި، ދިއްދޫ ކައުންސިލްގެ ރައީސާއި ކައުންސިލަރުން ވެސް ތިބީ އެ މީހުންގެ ވާޖިބް އަދާކުރަން އެ މީހުންގެ އޮފީސްތަކަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށްފައިކަން ދިއްދޫގެ ކުދިބޮޑު ހަމަ އެކަކު ވެސް އަދި ހަނދާނެއް ނުނެތޭ. އެމީހުން އަދި ދުނިޔޭގައި ސަލާމަތުން އިރާދަކުރެއްވީތީ އެބަތިބި."

ހާޝިމް ވިދާޅުވެފައިވެއެވެ.

އަލީ ހާޝިމްއަކީ އެމްޑީޕީ ޓިކެޓުގައި ދިއްދޫ ކައުންސިލަށް ވާދަކޮށް މީގެ ކުރިން ހޮވުނު ފަރާތެކެވެ. ދިއްދޫ ކައުންސިލްގެ ރައީސް ކަންވެސް ކޮށްފައިވާ ފަރާތެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ކައުންސިލް ރައީސް ކަމުން އަލީ ހާޝިމް ދުރުކުރުމަށް ދިއްދޫގައި ޕެޓިޝަނެއް ހަދައިގެން މަސައްކަތް ފެށިއެވެ.

މިއާއިއެކު 2019 ޖަނަވަރީ 22 ވަނަ ދުވަހު އަލީ ހާޝިމް ވަނީ ދިއްދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވުމަށްފަހު ހާސިމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ޕެޓިޝަނެއްގައި ސޮއިކޮށް، އިސްތިއުފާދޭން ރައްޔިތުން އެދެމުން އަންނާތީ ކަމަށެވެ. 2019 ޖުލައި 18 ވަނަ ދުވަހު ހާސިމް ވަނީ ކައުންސިލް މެމްބަރު ކަމުންވެސް އިސްތިއުފާ ދެއްވާފައެވެ. އަލީ ހާޝިމްއަކީ ދިއްދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.