މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސް މަރާލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވެ، 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހިމެނެނީ އެ ހާދިސާ ހިނގިއިރު 17 އަހަރުގެ ކުއްޖަކަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ގާނޫނު އޮންނަ ގޮތުން އޭނާގެ މައުލޫމާތު ސިއްރު ކުރަންޖެހެ އެވެ.
ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ ހަފުތާގަ އެވެ. އޭނާއަށް 18 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް މިއަދު އިއްވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަނަސްގެ ހުރިހާ ވާރިސުން ވެސް ބޭނުންވީ އޭނާގެ ކިބައިން މަރަށް މަރު ހިފާށެވެ. އެކަމަކު ގާނޫނު އޮންނަ ގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ އެއްވެސް ކުށަކަށް މިހާރު މަރުގެ އަދަބެއް ނުދެވޭނެ އެވެ. އެހެންވުމުން 18 އަހަރުގެ ޖަލު ހުކުމް އިއްވީ ގާނޫނީ އަދަބެއްގެ ގޮތުންނެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހަކަށް ކުރާ ދައުވާގެ ޝަރީއަތް ދަނީ ކުރިއަށެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!