ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ''ނަހަލާލު އެއްޗެއް'' ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅު ވެއްޖެއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ހއ. ދިއްދޫ އަށް ވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ ދިއްދޫ ގައި ޖަލްސާއެއް ބާއްވާފަ އެވެ. ''ދިއްދޫ ވެސް ޕީޕީއެމް'' ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބުދުﷲ ރަޝީދު ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާ އެކު އޭނާ ކައުންސިލްގައި ކުރައްވަމުން ގެންދަވަނީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށެވެ.
ވޭތުވި ފަނަރަ މަސް ދުވަހު ހޭދަކުރެއްްވީ ހިތް ދަތި ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ‘’ވިހޭ އެއްޗެއް’’ ކަމަށް ދައުވާ ކުރާއިރު އެކަން އެންމެ ރަނގަޅަށް އިނގިވަޑައިގަންނަވަނީ އޭނާ އަށް ކަމަށް ވިދާޅުވިއެވެ.
''އެ ނިޒާމުގެ ސަބަބުން ވޭތުވި ފަނަރަ މަސް ދުވަހު އަޅުގަނޑު ކުރި ހިތްދަތިކަމާއި ހިތާމައާއި އަޅުގަނޑަށް ނޫންތޯ އިނގޭނީ، ދިއްދޫ ކައުންސިލްގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގަ، މަޖިލިސްގައި އެމްޑީޕީ، ސަރުކާރުގައި އެމްޑީޕީ، ދެން އަޅުގަނޑު ކަހަލަ މީހަކު އެކަނި އުޅެން ޖެހުނީމަ، ރައީސް ޔާމީނަށްވުރެ މާ ހާލުގައި އަޅުގަނޑު މިއުޅެނީ'' ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، ދިއްދޫ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ނުލިބުމުން އޭނާ އަށް ހިތްދަތިކަން ތަހައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.
''އަޅުގަނޑަށް އެ ބޭފުޅުންނާއެކު މަސައްކަތް ކުރަންޖެހުނުއިރު ލާމަރުކަޒީ ނިޒާމު ބަނދެފަ އޮތީ، ތަޅު އަޅުވާފަ އޮތީ، ރައްޔިތުންނަށް ކޮން ފައިދާއެއް މަންފާއެއްތޯ އޮތީ؟'' ރަޝީދު ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް އެއްވެސް ފައިދާއެއް، މަންފާއެއް ނުލިބޭ ކަމަށެވެ. އެރަށެއްގައި ދުއްވާ އެއްގަމު އުޅަނދުތަކުން ނަގާ ފީ ކައުންސިލަށް ދޭނެކަމަށް އެމްޑީޕީން ވައުދުވި ކަމަށާއި، ނަމަވެސް ފަނަރަ މަސް ދުވަސްވީއިރު ވެސް އެ ވައުދު ނުފުއްދާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
''ރުކެއްގެ ފަނެއްވެސް ކަނޑާ ނުލެވޭ މާލެއިން ހުއްދަ ނާންނީސް، އެހެންވީމަ ލާމަރުކަޒީ ނިޒާމަކީ މި ބޭފުޅުންގެ ބަނޑުން ވިހޭ ނަހަލާލު އެއްޗެއް، އެކަން އެންމެ ރަނގަޅަށް އިހްސާސްކުރާ މީހަކީ އަޅުގަނޑު، އެހެން މި ދަންނަވަނީ ކެރިހުރެ'' ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް އެއްވެސް ބާރެއް ނުދޭ ކަމަށެވެ. އަދި ކައުންސިލަރުންނަކީ ބޭނުން މަޤާމެއް ނޫން ކަމަށާއި، ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެކަށޭނަ ނިޒާމެއް ނޫން ކަމަށް އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދަންނަވާކަމަށް ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
''އެއިރަކު ހުންނަވާ ރައީސަކު އައްޔަނު ކުރާ ތިނެއް ނުވަތަ ހަތަރު ބޭފުޅަކު ތިބީމަ މައްސަލައެއް ނެތް، ކައުންސިލް ހިނގާނީ ރަނގަޅަށް'' ރަޝީދު ވިދާޅުވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!