އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ބްރައިޓަންއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މި މެޗުގެ ވަރަށް ކުރީކޮޅު ބްރައިޓަންއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ވެލްބެކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޓްރޮސާޑް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 17 ވަނަ މިނެޓުގައި ސޮލީ މާޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ޓްރޮސާޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 33 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފިރްމީނޯއެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ލިއިޒް ޑިއާޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފިރްމީނޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭގެ ނުވަ މިނެޓް ފަހުން ލިވަޕޫލްގެ ކޯނަރެއް ދިފާއުކުރުމަށް މަސައްކަތް ކުރުމުގެ ތެރޭ ބްރައިޓަންގެ އެޑަމް ވެބްސްޓާއަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު މެޗުގައި ފުރަތަމަ ފަހަރަށް ލިވަޕޫލަށް ލީޑު ލިބުނެވެ.

މެޗުގެ ނަތީޖާ ބްރައިޓަނުން ހަމަހަމަ ކޮށްފައި ވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ޓްރޮސާޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޓްރޮސާޑް ހެޓްރިކް ފުރިހަމަކުރި އިރު އޭނާ ވެފައި ވަނީ ލީގުގައި ލިވަޕޫލް ދަނޑުގައި އިދިކޮޅު ޓީމަށް ކުޅެމުން ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ.

މިރޭ ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޗެލްސީއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ޕެލަސްއިންނެވެ. މި ލަނޑު 7 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑުއާޑްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ އޮބާމެޔަންއެވެ. މިއީ ބާސާއިން ޗެލްސީއަށް ބަދަލުވެ އޮބާމެޔަން ޗެލްސީގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗުން ޗެލްސީ މޮޅުވި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޕްލިސިޗް ދިން ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ މިދިޔަ ސީޒަންގައި ކްރިސްޓަލް ޕެލަސްއަށް ލޯން އެއްބަސް ވުމެއްގެ ދަށުން ކުޅުނު ގެލަގާއެވެ. ގެލަގާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޕެލަސްގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި ނަތީޖާތަކާއިއެކު ކުޅުނު 7 މެޗުން ލިބުނު 13 ޕޮއިންޓާއިއެކު ޗެލްސީ އޮތީ ތާވަލުގެ ފަސް ވަނާގައެވެ. މެޗުން ބަލިވި ޕެލަސް އޮތީ ކުޅުނު 7 މެޗުން ލިބުނު 6 ޕޮއިންޓާއިއެކު ތާވަލުގެ 17 ވަނާގައެވެ. ލިވަޕޫލް މިވަގުތު ތާވަލުގެ 9 ވަނާގައި އޮތީ ކުޅުނު 7 މެޗުން ލިބުނު 10 ޕޮއިންޓާއި އެކުގައެވެ. ބްރައިޓަން އޮތީ ކުޅުނު 7 މެޗުން ލިބުނު 14 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރުވަނާގައެވެ.