ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް މެދު ކެނޑުނަ ނުދިނުމަށާއި، ޞިއްޙީ ޚިދުމަތްތައް ވެސް އިތުރަށް ތަރައްޤީ ކުރުމަށް ޙާއްޞަ އިސްކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާއި އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންމާ ގުޅޭ ގޮތުން ކައުންސިލް މެންބަރުންނާއި ޚިޔާލު ބަދަލު ކުރައްވައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅުގޭގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލަރުން ވަނީ އެ އަތޮޅުގެ ރަށްރަށުގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާ ކަމަށާއި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ވެސް ހިނގަމުންދާކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި، ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އިތުރަށް ހަލުވި ކުރަން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގެ ތެރޭގައި ފަޅުރަށްރަށާއި، ފަރުތައް ނެތް ރަށްރަށަށް އާމްދަނީ ހޯދުމުގެ ދަތިތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އިހަވަންދޫ ބަނދަރުގައި ހުރި މައްސަލަތައް ޙައްލު ކުރުމާއި، ހއ. އަތޮޅު ހޮސްޕިޓަލުގައި ދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާ ކުރުމަށާއި، ޚިދުމަތްތައް މެދުކެނޑޭ މައްސަލަ ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ދިއްދޫގައި މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް ތިބި މުވައްޒަފުން މަދުވުމަކީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިކަމެއްކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ތިލަދުންމައްޗަށް އެމަނިކުފާނު ކުރެއްވި މިދަތުރުފުޅުގައި އަތޮޅުގެ ރަށްރަށުން ދެންނެވި ހޫނު މަރުޙަބާއަށާއި ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ރޭ އިފްތިތާޙް ކުރެވިގެންދިޔަ އާރް.ޓީ.އެލް. ގެ ޚިދުމަތަކީ، އަތޮޅުގެ ތަރައްޤީއަށް ވަރަށް މުހިއްމު ޚިދުމަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި ކައުންސިލްތަކުގެ އިހްތިޞާޞްއާ ގުޅޭ މައްސަލަތައް، އެންމެ ފަހުން ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވެސް ފާހަގަކުރެވި އެކަމާމެދު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި، އެކަމާގުޅޭ މަސައްކަތްތައް މިހާރު ކުރެވެމުންދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް މެދު ކެނޑުނަ ނުދިނުމަށާއި، ޞިއްޙީ ޚިދުމަތްތައް ވެސް އިތުރަށް ތަރައްޤީ ކުރުމަށް ޙާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ.
މިސަރުކާރުން، ހއ. އަތޮޅުގައި 199 މަޝްރޫޢެއް ކުރިޔަށްގެންދާއިރު، އޭގެ ތެރެއިން، 73 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފަ އެވެ. މީގެ އިތުރުން ވެސް ހއ. އަތޮޅުގެ ތަރައްޤީއަށް ހިންގޭ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ބީލަން މަރުޙަލާގައާއި، ޕްލޭނިންގ މަރުޙަލާގައި މިހާރު ދަނީ ހިނގަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!