ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ “ޑްރީމް ޕްރޮޖެކްޓް” އެއް ކަމަށާއި އެ ޕްރޮޖެކްޓުން ތަރައްގީގެ އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އާރުޓީއެލްގެ ފެރީގެ ނިޒާމުން ބޮޑު ތިލަދުންމަތި ގުޅާލުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ އާރުޓީއެލްގެ މުޅި ޕްރޮޖެކްޓް އެއްކޮށް ނިމިގެންދާއިރު އާ ވަޒީފާތަކާއި ދަތުރުފަތުރާ ގުޅުން ހުރި އުމްރާނީ ތަރައްގީގެ އިންގިލާބެއް ފެނިގެންދާނެ ކަމަށެވެ.

Ad
rt

އާޒިމް ވިދާޅުވީ މި ޕްރޮޖެކްޓް ނިމިގެންދާއިރު ޒަމާނީ ފެރީގެ ހިދުމަތް ދެވޭ 82 އުޅަނދު އޮންނާނެ ކަމަށެވެ. އަދި އެ ހިދުމަތް ރަށްރަށުގައި ދިނުމަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް އަޅައި، ތިން ސަރަހައްދެއްގައި ފެރީގެ އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓު ޔާޑު ހެދިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތިލަދުންމަތީގައި ފެރީގެ ހިދުމަތް ފެށުމަށް ކައްޕިންނާއި ފަޅުވެރިން އަދި އެހެން މުވައްޒަފުންވެސް ތަމްރީންކޮށް ހިދުމަތަށް ފައްކާ ކޮށްފައިވާނެ ކަމަށެވެ. އަދި މި މަޝްރޫއު ނިމޭއިރު 800 ވަޒީފާ އުފެދިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހިދުމަތް މުޅި ރާއްޖޭގައި ފެށުމުން އިގްތިސާދީ ގޮތުންވެސް ރަށްތައް ކުރިއަރައިގެންދާނެ ކަން ފާހަގަކުރައްވާފައެވެ.

"ގެސްޓު ހައުސްތަކަށް އަންނަން ބޭނުންވާ ކޮންމެ ފަތުރުވެރިއަކަށް، މި ހިދުމަތް، އޭރު ފަހިވެފައި އޮންނާނެ، ދަތުރުވެރިޔާ އެ އަންނަ އެއާޕޯޓަކުން، ދާން ބޭނުންވާ ރަށަކަށް، އާރުޓީއެލްގެ ލިންކުން، އެޑްވާންސްކޮށް، ޓިކެޓު ބުކްކޮށްގެން، ދަތުރު ކުރެވޭނެ، އެއީ ދަތުރުވެރިއާގެ ޖީބަށްވެސް ލުއި، އަދި ގެސްޓު ހައުސް ހިންގާ ފަރާތްތަކަށް ވެސް ލިބިގެންދާނެ، ވަރަށް ފަހި ދުވަހެއް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން އެދޭ ގޮތަށް ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެ އެއްކޮށް ގުޅުވާލުމަށެވެ. އަދި ކުރިއަށް ނުވަ މަސް ދުވަހުގެ ތެރޭގައި އިތުރު ނުވަ އަތޮޅެއްގައި އާރުޓީއެލް ހިދުމަތް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.