ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދައްކައިގެން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެތަނުގެ މުވައްޒަފަކު އިއްޔެ ދޫކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހއ އަދި ހދ އަތޮޅަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ހަނިމާދޫއަށް ޖައްސަން ކައިރިވެފައިވަނިކޮށް އެ ފްލައިޓަށް ޚިދުމަތްދޭ މުވައްޒަފުންގެ ބޮޑީ ސެކިއުރިޓީން ޗެކް ކުރިވަގުތު އެތަނުގެ މުވައްޒަފަކު އެހެން މުވައްޒަފަކު ޗެކްކުރަމުން ދަނިކޮށް ރަނގަޅަށް ޗެކްކުރުމަށާއި ބަޑިއެއް ވެސް އޮވެދާނެ ކަމަށް އެ މުވައްޒަފު (ހައްޔަރުކުރި މުވައްޒަފު) ބުނި ކަމަށް އިތުބާރުހުރި މަސްދަރަކުން އިއްޔެ މި ނޫހަށް މައުލޫމާތު ދީފައިވެއެވެ. އަދި އެ މުވައްޒަފު އެވަގުތު އެހެން ބުނެފައިވަނީ ސަމާސައަކަށް ކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ.

Ad
rt

ފްލައިޓް އޮޕަރޭޝަންސް ހިނގާ ސަރަހައްދުތަކުގައި އެފަދަ މުއާމަލާތެއް ކުރުމަކީ ކުށެއްކަމުގައިވާއިރު، އެ މުވައްޒަފު އެހެން ބުނުމާއިއެކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވެސް ވަނީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ އެއިދާރާގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހަވީރު 4 ޖަހާކަށްހާއިރު އޭނާ ވަނީ ދޫކޮށްލާފައެވެ.

ހަނިމާދޫ އެއާޕޯޓް ހިންގަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހަވާލުވިފަހުން މުވައްޒަފުންނަށް ގިނަ ތަމްރީނުތަކެއް ދެމުން އަންނައިރު، މިފަދަކަންކަމަކީ ކޮށްގެންވާނެ ކަންކަން ނޫންކަން އެނގޭ މިންވަރަށް މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދީ، ތަމްރީން ދީފައިވާ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ މުވައްޒަފު އިއްޔެ ދޫކޮށްލި ނަމަވެސް އަދި ވަޒީފާއަށް ނުނެރޭކަމަށް މައުލޫމާތު ލިބިފަވެއެވެ.