އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަޚްލާޤާއި، ރިވެތި އުޅުމާއި ސުލޫކު ކަމަށެވެ. އަދި އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު ކަމަށެވެ.
"ޤައުމިއްޔަތަކީ ޤައުމުދެކެވާ ލޯބި. ވަށައިގެންވާ މާޙައުލުގައިވާ ކޮންމެ އެއްޗަކާއި ދިރުމަކަށްޓަކައި ހިތުގައި އޮންނަ ކުލުނު. ބޮޑުތަކުރުފާނުގެ މުޅި ޙަޔާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު ސިފަޔަކީ، ދިވެހިންގެ ޤައުމިއްޔަތަށް އޮތް ލޯބި." ރައީސް ވިދާޅުވި އެވެ.
ބޭނުންވާ އެއްޗެއް ބޭރުން އެތެރެކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ޤައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ ރައީސް ސާލިހު ވަނީ ދިވެހިންނަކީ އަޞްލާއި ނަސްލުން އެއްބައެއްކަން ވެސް ފާހަގަ ކުރައްވާފަ އެވެ. އަދި އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ޤައުމެއް ކަން ވެސް ފާހަގަކުރެއްވެވި އެވެ.
" އާދައާއި ބަހުރުވަ އެކައްޗެއް. އެކަކަށްޖެހޭ ބޮޑު ކަމެއްގައި އަނެކަކު ޙިއްޞާވި ޤައުމެއް. އެއް ބަދިގޭގެ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ، އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް. ދިވެހި ޤައުމިއްޔަތު ޒީނަތްވެދާ މި ދެންނެވި ބޮޑު އަގުބޮޑު ގަހަނާ ގެންގުޅުނު އެހެން ބަޔަކު މި ދުނިޔޭގައި މަދުވާނެ." ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!