ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަންނަ ހަފުތާގައި ބޮޑު ތިލަދުންމަތީގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރަށްވާފައި ވަނީ ފާއިތުވެ ދިޔަ ހަފްތާގައި ކުރެވުނު މުހިއްމުކަންކަމާއި ކުރިޔަށްއޮތް ހަފްތާގައި ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދެވެ.

Ad
rt

މިޢުވާން ވިދާޅުވީ އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހއ. އުތީމާއި ހއ. ދިއްދޫ އާއި ހދ. ފިނޭ އަދި ހދ. ނައިވާދުއަށް ކަމަށެވެ.

ރައީސްގެ މި ރަސްމީ ދަތުރުފުޅު ފައްޓަވަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ. ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުދަ ދުވަހު އެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ރަށްރަށުގެ އާންމު ހާލަތާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އުތީމުގައި ބާއްވާ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.