ދުނިޔޭގެ ފިނިހޫނުމިން މަތިވެ މަސައްކަތުގެ މާހައުލުގައި ހޫނުގަދަވުމުގެ ސަބަބުން، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއާއި ސްރީލަންކާގެ އިގުތިސާދަށް އަހަރަކު 26.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ހާމަކޮށްފިއެވެ.
އެ އިދާރާގެ އައު ދިރާސާތަކުން ދައްކާ ގޮތުގައި، މި މައްސަލައިގެ ސަބަބުން މިހާރުވެސް ދެ ގައުމުގެ މަސައްކަތްތެރިންނަށާއި އުފެއްދުންތެރިކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.
އައިއެލްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދަށް މިންވަރެއްގައި ހިފެހެއްޓުނު ކަމުގައި ވިޔަސް، ހޫނުގަދަވުމުގެ ސަބަބުން މަސައްކަތުގެ ވަގުތު މަދުވެ، 2040 ގެ ނިޔަލަށް ދެ ގައުމުން ފުލްޓައިމް 147،000 ވަޒީފާއާ އެއްވަރުގެ ގެއްލުމެއް ވާނެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 145،000 ވަޒީފާގެ ގެއްލުން ސްރީލަންކާއަށް ކުރިމަތިވާއިރު، ރާއްޖެއިން 2،400 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ ގެއްލުން ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ޖުމްލަ މާލީ ގެއްލުމުގެ ތެރެއިން ލަންކާގެ ޖީޑީޕީން އަހަރަކު 26 ބިލިއަން ޑޮލަރު އަދި ރާއްޖޭގެ ޖީޑީޕީން އަހަރަކު 576 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
ކުރީގެ މައުލޫމާތުތަކަށް ބަލައި ތައްޔާރުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، 1985 އާއި 2014 އާ ދެމެދުގެ މުއްދަތާ އަޅާބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ހޫނުގަދަވެ 2023 ވަނަ އަހަރު ވެސް ދެ ގައުމުގެ މަސައްކަތު ވަގުތަށާއި ޖީޑީޕީއަށް ވަނީ އިތުރު ގެއްލުންތަކެއް ވެފައެވެ.
އެހެންކަމުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި، މޫސުމަށް ހޭނުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން އިގުތިސާދީ ވިލުންތެރިކަން ވަރުގަދަކުރުމުގެ ސިޔާސަތުތަކުގެ ތެރޭގައި ހޫނުން ރައްކާތެރިވުމުގެ ކަންކަން ހިމަނަންޖެހޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި އާމްދަނީއަށް އުނިކަމެއް ނާންނާނެ ގޮތެއް އޮވެގެން މެނުވީ މަސައްކަތްތެރިންނަށް ހޫނުން ރައްކާތެރިވެ ނުތިބެވޭނެކަން ވެސް ފާހަގަކޮށްފައިވެއެވެ.
ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ސްރީލަންކާގައި ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ. އަދި އޭގެ ފަހަތުން ޚިދުމަތްދޭ ދާއިރާތަކަށާއި، އުފެއްދުންތެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް އަސަރުކުރާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ރާއްޖޭގައި އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ދައްކަނީ ޚިދުމަތުގެ ދާއިރާއަށާއި އިމާރާތްކުރުމުގެ ދާއިރާއަށެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނީ އެ ގައުމެއްގެ ވަޒީފާގެ އޮނިގަނޑާއި މަސައްކަތްތެރިން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ހާލަތަށް ބަލައިގެން ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހޫނުން ރައްކާތެރިވުމަށް އެޅިދާނެ އަމަލީ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ހޫނުގަދަ ވަގުތުތަކުގައި މަސައްކަތް ނުކުރާ ގޮތަށް ގަޑިތަކަށް ބަދަލު ގެނައުމާއި، މަސައްކަތުގެ ތެރެއިން އެކަށީގެންވާ ވަރަށް އަރާމުކުރާނެ ވަގުތު ދިނުމާއި، ހިޔާވާނެ ތަންތަނާއި ބޯފެނުގެ އިތުރުން ފިނިކުރެވޭނެ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ހޫނުމިން ބެލެހެއްޓުމާއި، ސިއްހަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާކޮށް، ހޫނުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރަންޖެހެއެވެ. ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ޖޯނީ ސިމްޕްސަން ވިދާޅުވީ، ސަރުކާރުތަކާއި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިން ގުޅިގެން، އިޖުތިމާއީ މަޝްވަރާތަކުގެ ތެރެއިން އަމަލީ ހައްލުތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި މިއީ ސިއްހަތާއި ދިރިއުޅުމުގެ ވަސީލަތްތައް ހިމާޔަތްކުރުމަށާއި އުފެއްދުންތެރި ވިޔަފާރިތައް ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަސައްކަތު ގަޑި މަދުކޮށްފިނަމަ ޒަރޫރީ އާމްދަނީ ގެއްލޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. މި ދިރާސާއަކީ ރާއްޖެއާއި ސްރީލަންކާގެ އިތުރުން އިތިއޯޕިއާ، ގާނާ، ލެބަނަން އަދި ސެނެގޯލް ހިމެނޭހެން ހަ ގައުމެއްގައި މަސައްކަތުގެ މާހައުލަށާއި އިގުތިސާދަށް ހޫނުގެ ސަބަބުން ކުރާ އަސަރުތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ އިސްނެގުމެކެވެ. މިއީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް 20 (ވީ20) ފިނޭންސް މިނިސްޓަރުންގެ އެހީތެރިކަމާއެކު އައިއެލްއޯއިން ހަވާލުކޮށްގެން، ސީވީއެފް-ވީ20 ޖޮއިންޓް މަލްޓި-ޑޯނާ ފަންޑުގެ އެހީގައި ކުރިއަށްގެންދިޔަ ދިރާސާތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!