ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތުގައި ވާދަކުރާ، ހދ. ހަނިމާދޫ ކައުންސިލް ތަމްސީލްކުރާ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ ކުޅުންތެރިއެއް ހޯދަން ޢިއުލާން ކޮށްފިއެވެ.

ކުޅުންތެރިއަކު ހޯދަން ހަނިމާދޫ ކައުންސިލުން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، މި މުބާރާތުގައި އެ ކައުންސިލް ތަމްސީލް ކުރާ ޓީމަށް ކުޅުމަށް ޝައުގުވެރިވާ އަންހެން ކުޅުންތެރިން މި މަހުގެ 26 ވަނަ ދުވަހުގެ 13:00ގެ ކުރިން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މި ސިޓީގައި އެ ކުޅުންތެރިއަކަށް ދޭންޖެހޭ ދުވަހު މުސާރައިގެ ޚަރަދާއި، ހުރުމާއި، ކެއިންބުއިމުގެ ޚަރަދުތައް އިނގޭނެހެން އޮންނަން ވާނެ ކަމަށް އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. އަދި އެ ކުޅުންތެރިއަކަށް ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ތަޖުރިބާ އަންގައިދޭ ލިޔުމާއި އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ ވެއެވެ.

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް ބާއްވަން ތާވަލު ކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހދ. އަތޮޅުގެ ސިޓީ/ރަށު ކައުންސިލް އިދާރާތަކަށާއި ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ވިޔަފާރިތަކަށާއި ކްލަބް ޖަމިއްޔާތަކަށް ހދ. އަތޮޅު ކައުންސިލުން ވަނީ ކުރިން ހުޅުވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ބާއްވަން މިހާރު ނިންމާފައި ވަނީ ނޮޅިވަރަންފަރުގައެވެ. މިދިޔަ އަހަރު ހދ. އަތޮޅު ކައުންސިލުން ބޭއްވި ވޮލީ މުބާރާތް ވެސް އޮތީ އެރަށުގައެވެ.

ހދ. އަތޮޅު ކައުންސިލް ވޮލީ ބޯޅަ މުބާރާތް 2021 ގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދީ ނޮޅިވަރަންފަރު ޓީމް ލައިކަން އެވެ. ރަނަރަޕް ޓީމަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ. އަދި ފިރިހެންބައިގެ ޗެމްޕިއަން އަކީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. ރަނަރަޕް ޓީމަކީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.