ހދ.ކުޅުދުއްފުށީ ސިޓީގައި ތާރުއަޅައިގެން ތަރައްޤީ ކޮށްފައިވާ އަމީނީމަގުގެ ދެ ފަރާތުގައި އިންދާފައިވާ ހިތިގަސްތައް ބޮޑެތިވެ، އެ ގަސްތަކުގެ ސަބަބުން މަގަށް ގެއްލުން ލިބެމުން އަންނާތީ ގަސްތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ވިދާޅުވެފައި ވަނީ އަމީނީ މަގުގައި އިންދާފައިވާ ބައެއް ބޮޑެތި ހިތި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އެ ގަސްތައް ނަގަން ނިންމާފައި ވަނީ، ބޮޑެތި ހިތި ގަސްތަކުގެ ސަބަބުން މަގުގެ ޕޭވްމަންޓަށާއި އާންމުންގެ އިމާރާތްތަކަށް ގެއްލުންވަމުން އަންނާތީ ކަމަށެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ބޮޑެތި ހިތި ގަސްތައް ނަގާ ތަންތަނުގައި މަގަށް ލިބޭ ގެއްލުން ކުޑަ ބާވަތުގެ ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަމީނީ މަގުގެ ދެފަޅީގައި ގިނަ އަދަދަކަށް ހިތި ގަސްތައް އިންދާފައިވާއިރު، އެ ގަސްތައް ބޮޑެތިވެ ޕޭމަންޓްގެ ގައުތައް އުފުލުމުގެ ސަބަބުން އެތަނުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އަންނަނީ ތަކުލީފުތަކާއި ކުރިމަތިވަމުންނެވެ. އަދި ގަސްތަކުގެ މުލުގެ ސަބަބުން ބައެއް ގެތަކަށް ވެސް އަންނަނީ ގެއްލުން ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!