ގަވާއިދާ ހިލާފަށް ހދ. ކުމުންދޫ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން އެރަށު ކައުންސިލުން ނަސޭހަތްތެރިވެއްޖެއެވެ.

ކުމުންދޫ ކައުންސިލުން ކުރެއްވި ޢާންމު ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެރަށު ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާކަން ފާހަގަ ކުރެވިފަވާ ކަމަށެވެ.

Ad
rt

ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު އަދި ކުމުންދޫ ކައުންސިލްގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވާއިދުގެ ދަށުން މަނާ ކުރެވިފައިވާ ކަމެއްކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

''ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުން މިފަދަ ޢަމަލުތައް ހުއްޓާލުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.'' އެ ކައުންސިލުން ވިދާޅުވެފަވެއެވެ.

ކުމުންދޫ ކައުންސިލުން ވިދާޅުވެފައި ވަނީ، ޤަވާއިދާ ހިލާފަށް ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތައް އެ އިދާރާގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވައިދު ގެ 15 މާއްދާގެ (ހ) އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިގޮތުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ކުށް ތަކުރާރުކުރާ އަދަދަށް ބަލައި -/500 ރުފިޔާ އާއި -/5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރުމަނާ ކުރާނެ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ އެ ރަށުގެ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި، އަދި އަކިރި ނަގަމުންދާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކޮށްދިނުމަށް އެންމެހާ ރައްޔިތުންގެ އަރިހުން އެދިފައެވެ. އަދި މިކަންކަން ހުއްޓުވުމަށް އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެފަވެއެވެ.