2033 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ދައުރުގައި ރައީސްކަން ކުރަށްވާނީ އަދާލަތު ޕާޓީ (އޭޕީ) އަށް ނިސްބަތްވާ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ސިޔާސީ ޚަރަކާތްތައް ފުޅާކުރަމުން އަންނައިރު، އެ ޕާޓީގެ ކުރިމަގުގެ ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. އަދި އަތޮޅުތަކަށް ދަތުރުފަށައި، މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

Ad
rt

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރަށްވާނީ އަދާލަތަށް ނިސްބަތްވާ ބޭފުޅެއްކަމަށެވެ.

2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރަށްވާނީ އަދާލަތަށް ނިސްބަތްވާ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އިމްރާން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް، އެޕާޓިގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައި ރޭ ފާސްކޮށްފައި ވަނިކޮށެވެ. އެ ޕްލޭން ގައި ވަނީ މައިގަނޑު އަށް ދާއިރައަކުން އެޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެ ދާއިރާތަކަކީ، އެތެރޭގެ ހިންގުން، ގޮފި އަދި ދާއިރާތައް، ޕަބްލިކް ރިލޭޝަންސް، ޕާޓީގެ ސިޔާސަތު، އިންތިހާބުތައް، ޕާޓީގެ މާލިއްޔަތު، ދާހިލީ އަދި ހާރިޖީ ގުޅުންތައް އަދި ޕާޓީގެ މެންބަޝިޕް އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، އަދާލަތުން އެ އިންތިޚާބުގައި އިއްތިހާދުވާނެ ޕާޓީއެއް އަދި ރަސްމީކޮށް ނުނިންމައެވެ. ނަމަވެސް އެ ޕާޓީއަކީ މިހާރުގެ ސަރުކާރު ހިންގާ އިއްތިހާދުގެ ބައިވެރިއަކަށްވުމާއެކު، އެ ޕާޓީގެ އިސްބޭފުޅުން މިހާރުގެ ރައީސް ޞާލިޙަށް ތާއީދު ކުރަށްވާކަން ހާމަކުރަށްވަމުން ގެންދަވާތީ އަންނަ އިންތިިޚާބުގައި އެޕާޓީ އޮންނާނީ ރައީސް ޞާލިޙާއެކު ކަމަށް ބައެއް މީހުން ޤަބޫލު ކުރެއެވެ.