އެއީ 1991 ވަނަ އަހަރުގެ ދުވަހެކެވެ. ހއ. މުރައިދޫގައި ދިިރިއުޅެމުންދިޔަ ހިރިމަރަދޫއަށް ނިޞްބަތްވާ އެ އާއިލާ ހިރިމަރަދޫއަށް ދިޔައީ އެއް ދުވަހުގެ ކުރު ދަތުރެއްގައެވެ. ކާފައާއި، ޅަފުރައިގެ ފަސް ކުދިން ގޮވައިގެން އިން ޒުވާން މަންމައާއެކު މުޅި އާއިލާގެ އެންމެން ދަތުރުކުރީ ކާފަގެ ރައްޓެއްސެއްގެ އިންޖީނުލީ ދޯނީގައެވެ.

ނަމަވެސް އެ ދުވަހުގެ އުފާވެރިކަން ފަނޑުވެ، އަނދިރިކަމުގެ ތެރެއަށް ޣަރަޤުވާން މާ ގިނަ ވަގުތެއް ނުނެގިއެވެ. އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ހިރިމަރަދޫން ފުރައިގެން އަނބުރާ މުރައިދޫއަށް ދެވުނުއިރު، ރޭގަނޑުގެ އަނދިރިކަން ވެރިވާން ފަށައިފިއެވެ. އެއީ ކަރަންޓުގެ އެއްވެސް އަލިކަމެއް ނެތް، ތެޔޮބައްތީގެ ދުވަސްވަރެވެ.

އާދައިގެމަތިން ރަށުގެ ނެރުމައްޗަށް ބޮޑެތި ރާޅުތައް ބިންދަމުންދެއެވެ. ބޮޑު ދޯނި ފަޅަށް ނުވަދެވޭތީ، މީހުން ފައިބަން ޖެހެނީ ބޭރުގައި ދޯނި އަޅާފައި ބޮއްކުރަލެއްގައި ފަލިޖަހައިގެންނެވެ. ހުޅަނގު ފަރާތުން ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ސަބަބުން ކައިރިނުކުރެވިގެން، ދޯނި ދުއްވާލީ އިރުމަތީ ފަރާތަށެވެ.

އެ ފަރާތަށް ވެސް ރާޅުތައް ބިންދަމުން ދިޔަ ނަމަވެސް، އިތުރު ގޮތެއް ނެތުމުން ދޯނި މަޑުކުރިއެވެ.

922980972_1785538860246090_5874568213311847062_n
926853831_1785539540246022_2753408441048940062_n
936121409_1785539726912670_2366412788384485777_n
1/3

"އަނދިރިވީމަ އަވަހަށް ބައްތިތައް ދިއްލޭނީ އަންހެންވެރިން އަވަހަށް ފޮނުވީމަ،" މަންމަގެ އެ ޖުމުލައާއެކު، ކުދިން ގޮވައިގެން ފުރަތަމަ ބޮއްކުރަލަށް އެރީ މަންމައާއި އަންހެންވެރިންނެވެ.

ބޮއްކުރަލަށް އެރުމަށްފަހު، މަންމަ އިނީ އެންމެ ހަ މަހުގެ ތުއްތު ދަރިފުޅު އުނގަށް ލައިގެންނެވެ. އޭގެ އިތުރުން ދެ އަހަރުގެ ދަރިފުޅާއި ހަތަރު އަހަރު، އަދި ހަތް އަހަރުގެ ދަރިފުޅު ތިބީ މަންމަގެ ގައިގައި ބާރަށް ހިފަހައްޓައިގެންނެވެ. މަންމަގެ ނުވަ އަހަރުގެ ދޮށީ އަންހެން ދަރިފުޅު މަޑުކުރީ ކާފައާއެކު ދޯނީގައެވެ.

ބޮއްކުރާ ނެރުން އެތެރެއަށް ވައްދަން އުޅުނު ވަގުތު، ނެގި ބިޔަ ރާޅެއް ބޮއްކުރަލުގެ ފަހަތުކޮޅު މައްޗަށް އުފުއްލާލިއެވެ. ސިކުންތެއްގެ ތެރޭގައި މުޅި ބޮއްކުރާ ބަންޑުންޖަހައި، އެންމެން ލޮނުގަނޑުގެ ތެރެއަށް އުކާލައިފިއެވެ.

މަންމައަކީ މޫދަށް ފަރިތަ، ރަނގަޅަށް ފަތަން ދަންނަ މީހެކެވެ. ލޮނުގަނޑުގެ އަޑީގައި ވެސް މަންމަގެ ހުރިހާ މަސައްކަތެއް ހުރީ ދަރިންގެ ޙިމާޔަތުގައެވެ.
އަތުކޮޅަށް ނަގާފައިވާ އެންމެ ހަ މަހުގެ ތުއްތު ދަރިފުޅާއި، ދެފަރާތުގައި ހިފަހައްޓައިގެން ތިބި ތުއްތު ދެ ދަރިން ދޫނުކޮށްލުމަށް މަންމަ، ކަނޑުގެ އޮއިވަރާއި ހަނގުރާމަ ކުރަމުން ދިޔައެވެ. އޭރު ބުރަކަށި މަތީގައި ބައްދައިގެން އޮތީ ހަތް އަހަރުގެ ދަރިފުޅެވެ. ވަށައިގެން ތިބި ދަރިން ސަލާމަތްކުރަން މަންމަ އުޅުނު އިރު އެތައް ފަހަރަކު ދަރިންކޮޅާއެކު މަންމަ ލޮނުގަނޑުގެ ތެރެއަށް ގެނބެއެވެ.

925808194_1785539700246006_6477603119660984820_n
927344050_1785538936912749_867543078077700759_n
929318872_1785538653579444_2311686919500787817_n
1/3

އެ ހާލުގައި ތިއްބާ، ބާރުގަދަ ރާޅުތަކުގެ ތެރޭގައި، ހަތަރު އަހަރުގެ ދަރިފުޅު މަންމަގެ އަތްދަނޑިމަތިން ދޫވެ، ލޮނުގަނޑު މައްޗަށް ދެމިގެން ދިޔައެވެ. އަނދިރި އެ ކަނޑުގައި، ގެނބެމުން ދިޔަ މަންމަ އަތުގެ އިޝާރާތުން ދެއްކީ އޮޔާ ދިޔަ އެ ތުއްތު ދަރިފުޅެވެ. އެ ވަގުތަކީ މަންމަގެ ހިތަށް ކެތްނުވެގެން ހިތްވަރު ދެރަވާނެ ވަގުތެއްކަން ޔަޤީނެވެ.

ހުރިހާ މަންޒަރެއް ހިމޭންވެ، ހަތް އަހަރުގެ ކުއްޖާ، ހޭވެރިކަން ވީއިރު އޮވެވުނީ ދިއްދޫ ހޮސްޕިޓަލުގެ އެނދުގައެވެ. އޭރު ވެސް އެ ކުއްޖާގެ ބަނޑުން ލޮނު ނެރުމަށްޓަކައި ބަނޑަށް ފިތަމުންދިޔައެވެ.

ކައިރީގައި މަންމަ އޮތެވެ. ނަމަވެސް އެ މަންމަގެ ނޭވާ ވަނީ ކުރުވެ، ހާލު އިންތިހާއަށް ދަށަށް ގޮސްފައެވެ. އިތުރު އެއްވެސް ކުއްޖަކު ނެތެވެ. އެހެން ކުދިންނަށް ވީ ގޮތެއް ވެސް ނޭނގެއެވެ.

ލޮނުގަނޑުގެ ތެރެއިން މަންމަ ނެގި އިރު ހަ މަހުގެ ދަރިފުޅު އޮތީ، އުނގުގައި ހެދުމުން އައްސާފައެވެ. އެ އަނދިރި ގަދަ ރާޅުތަކުގެ ތެރޭގައި، ތުއްތުތުއްތު ދަރިފުޅު މަންމައާ ވަކިވެގެން ހިނގައިދާނެތީ، މަންމަ އެ ދަރިފުޅު ހެދުމާލައި އެއްސިގޮތަކާމެދުތޯއެވެ؟ މައެއްގެ ހިތްވަރު މި ހާދިސާއިން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. މާތްﷲގެ ރަޙްމަތުން ހަ މަހުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވުނެވެ.

އޮޔާދިޔަ ހަތަރު އަހަރުގެ ކުއްޖާ މީހަކު ފަތާފައި ގޮސް ސަލާމަތް ކުރި ނަމަވެސް ދެ އަހަރުގެ ދަރިފުޅު އޮތީ ލޮނުގަނޑުގެތެރޭގައި ނިޔާވެފައެވެ. .

926853767_1785539276912715_6396691692221204403_n
922138353_1785539000246076_289439686353400135_n
928234415_1785539256912717_4396638931699423458_n
1/3

މަންމަގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަވަހަށް ހދ. ކުޅުދުއްފުއްޓަށް ގެންދިޔުމަށް ދަތުރު ފެށިއެވެ. ނަމަވެސް، އެ ދަތުރުމަތީގައި އެ މާތް މަންމަ މި ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ދޫކޮށްލިއެވެ. އެއީ މުރައިދޫ ނެރުމައްޗަށް ބިންދައިގެން ދިޔަ އެންމެ ރާޅަކުން، ދިރިއުޅުމުގެ އެންމެ އަގުބޮޑު ނޫރު ގެއްލި، މުޅި އާއިލާގެ ހިތްތަކުގައި ދުވަހަކުވެސް ފޮހެވިގެން ނުދާނެ ފަދަ ފުން ޒަޚަމެއް ލިޔެވިގެން ދިޔަ ހިތާމަވެރި ހަދިސާއެވެ.

އެ ދުވަހަށްފަހު، އެ ތުއްތު ކުދިންގެ ދުނިޔެ އެއްކޮށް އަނދިރިވެ، ބަދަލުވެގެން ދިޔައެވެ. ކިރިޔާ ހިނގައިގަނެވުނު ތުއްތު ކުދިންނަށް، މަންމަ މި ދުނިޔެ ދޫކޮށް ދިޔަކަން ފަހުމެއް ނުވެއެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނަ ވަގުތު، މަންމަގެ ހޫނުކަމާއި، އެ ލޯބިވާ އަތުގެ ފިރުމުންތަކަށް އެދި އެ ކުދިންގެ ކުދިކުދި ހިތްތައް ރޮއިގަނެއެވެ.

ދޮރު ހުޅުވޭ ކޮންމެ އަޑަކަށް، މަންމަ އަތުވެދާނެ ކަމުގެ އުއްމީދުގައި ދޮރާ ދިމާލަށް ބަލާލެވެއެވެ. ރަށުގެ ގޮނޑުދޮށުން އިވޭ ކޮންމެ ރާޅެއްގެ އަޑާއެކު، މަންމަ އެ ކުދިން ސަލާމަތްކުރަން ދެއްކި ހިތްވަރާއި، އެންމެ ފަހު ވަގުތު ދަރިންނަށް ދިން ކުލުނުވެތި ބެލުމުގެ ހަނދާންތައް އެ ކުދިންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮވެއެވެ.

921481421_1785539796912663_5455318314522363107_n
934305840_1785539690246007_6316945598021003171_n
928234437_1785539656912677_8369148885709331522_n
1/3

އުނގުގައި ބައްދާލާނެ މަންމައެއް ނެތި، ދުނިޔޭގެ ތޫފާންތަކާ ކުރިމަތިލާން ޖެހުނު އެ ތުއްތު ދަރިންގެ ހިތާމައަކީ ދުވަހަކުވެސް ފިލައިގެން ދާނެ އެއްޗެއް ނޫނެވެ. އެ ހާދިސާއަށް މި ފުރުނީ، 35 އަހަރެވެ. ނަމަވެސް މިއަދު ވެސް އެ ދަރިންގެ ހިތްތަކުގައި އެ ހާދިސާވަނީ ބިންވަޅު ނެގިފައެވެ. މުރައިދޫ ނެރުމައްޗަށް ބިންދާލާ ކޮންމެ ރާޅެއްގެ އަޑަކީ އެ ކުދިންނަށް އަދިވެސް ބިރުވެރިއަޑެކެވެ. މުޅި އުމުރަށް މަންމައާ ވަކިވެ، އަލްވަދާޢުކިޔަންޖެހުނީ އެ ނެރުމަތީގެ ހާދިސާއިންނެވެ.
ޔާ ﷲ! އެ މާތް މަންމަގެ ފުރާނަފުޅަށް ތަނަވަސްވެގެންވާ ރަޙްމަތާއި މަޣުފިރަތް ލައްވާނދޭވެ! އާމީން!

އެ މަންމައަކީ ދަރިންގެ ޙައްޤުގައި، އެ ދަރިން ސަލާމަތްކުރުމަށްޓަކައި އަމިއްލަ ނަފްސު ޤުރުބާންކުރި ހިތްވަރުގަދަ މައެކެވެ.

ނޯޓް: އެ ހާދިސާ، މި ނޫޙަށް ޙިއްސާކޮށްދެއްވީތީ އެ އާއިލާއަށް އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރަމެވެ.