ކޮންކާކަފް ޑަބްލިއު ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލުގައި ހުކުރު ދުވަހު ކޮސްޓަރީކާގެ މައްޗަށް 3-0 އިން ކުރިހޯދައި، 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕުން ޖެމެއިކާ ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗުގައި ޖެމެއިކާގެ ތަރި ހަދީޖާ "ބަނީ" ޝޯ ވަނީ ލަނޑެއް ޖަހައި، އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ޓެކްސަސް ހެލްތު މެންސްފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި "ރެގޭ ގާލްޒް" ގެ ނަމުން މަޝްހޫރު ޖެމެއިކާއިން ފުރަތަމަ ލީޑު ނެގީ މެޗުގެ 16 ވަނަ މިނެޓުގައެވެ. ކިކީ ވެން ޒަންޓެން ހުރަސްކޮށްލި ބޯޅައެއް ކޮސްޓަރީކާގެ ކީޕަރު ޑެނިއެލާ ސޮލޭރާ ގައިގައި ޖެހިފައި ލިބުމުން، އެ ބޯޅަ ގޯލަށް ވައްދާލީ ޖޯޑީ ބްރައުންއެވެ. މިއީ ބްރައުން ބައިނަލްއަގުވާމީ މެޗެއްގައި ޖެހި 12 ވަނަ ލަނޑެވެ. އޭގެފަހުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އަރިމަތިން ޝޯ ނަގައިދިން ބޯޅައަކުން ވެން ޒަންޓެން ވަނީ ޖެމެއިކާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 65 ވަނަ މިނެޓުގައި ޝޯ ފޮނުވާލި ހިލޭ ޖެހުން ކޮސްޓަރީކާގެ ވޯލްގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލުގެ ތެރެއަށް ވަދެ، ޖެމެއިކާއަށް ތިން ލަނޑުގެ ލީޑެއް ލިބުނެވެ.

މެޗު ނިމުމުގެ ކަށިގަނޑާއެކު ދަނޑުގައި ތިބި ޖެމެއިކާގެ ސަޕޯޓަރުން "ވޯލްޑް ކަޕް! ވޯލްޑް ކަޕް!" ގޮވަމުން ދިޔައިރު، ކުޅުންތެރިން ވަނީ ދަނޑުމަތީގައި ނަށައި އުފާފާޅުކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ޝޯ ބުނީ، ދަނޑުމައްޗަށް ނުކުމެ ޓީމުން އަބަދުވެސް ދައްކަނީ ޕްރޮފެޝަނަލް ކުޅުމެއް ކަމަށާއި އޭގެ ޝަރަފު ޓީމަށް ހައްގު ކަމަށެވެ. އަދި މެޗުގެ ކުރިން ކުޅުންތެރިން ވާހަކަދެއްކީ މޮޅުވާ ގޮތަކާމެދު ނުވިސްނައި، ކޮންމެ ގޮތަކުން ނަމަވެސް މޮޅުވެގެން ކުރިއަށް ދިއުމަށް ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން ވެން ޒަންޓެން ވެސް ވަނީ މުޅި ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި، މިރޭ ދަނޑުމަތީގައި މޮޅު ކުޅުމެއް ދެއްކި ކަމަށާއި ވޯލްޑް ކަޕަށް ދިއުން އެ ޓީމަށް ހައްގު ކަމަށް ބުނެފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ވެން ޒަންޓެންއަށް ލަނޑު ޖަހަން ލިބުނު ފުރުސަތެއް ކޮސްޓަރީކާގެ ކީޕަރު ވަނީ ހުއްޓުވާފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ކޮސްޓަރީކާގެ ގްލޯރިއާނާ ވިލާލޯބޯސްއަށް އަނިޔާވެ ސްޓްރެޗަރުގައި ބާލަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އެލެގްޒެންޑްރާ ޕިނެލްއެވެ. ޖެމެއިކާގެ ހެޑް ކޯޗު ހިއުބަޓް ބަސްބީ ޖޫނިއާއަށް ވިސާ ނުލިބުމުގެ ސަބަބުން، މި މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ޑިއޯން ބާޓަންއެވެ.

ފީފާ ރޭންކިންގެ 40 ވަނައިގައި އޮތް ޖެމެއިކާ ޓީމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީއަށް ކުޅޭ އަދި ބެލަންޑޯ އެވޯޑުގެ ގަދަ ތިނެއްގައި ހިމެނުނު ޝޯއެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 68 މެޗުން 50 ލަނޑު ޖަހައިފައެވެ. އަދި މި މުބާރާތުގެ ފައިނަލް ބުރަށް ޓީމު ގެންގޮސްދިނުމަށް ކޮލިފައިންގައި ވެސް ޝޯ ވަނީ ނުވަ ލަނޑު ޖަހާފައެވެ. ޖެމެއިކާއިން ވަނީ ވޭތުވެދިޔަ ދެ ވޯލްޑް ކަޕްގައި ވެސް ކުޅެފައެވެ. އޭގެތެރެއިން 2023 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އިން އެ ޓީމު ޖާގަ ހޯދިއިރު، 2018 އަދި 2022 ވަނަ އަހަރުގެ ޑަބްލިއު ޗެމްޕިއަންޝިޕް އެ ޓީމުން ނިންމާލީ ތިންވަނައިގައެވެ.

ދުނިޔޭގެ ރޭންކިންގެ 41 ވަނައިގައި އޮތް ކޮސްޓަރީކާއަކީ 2014 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ހޯދި ޓީމެވެ. އެ ޓީމު 2015 އަދި 2023 ގެ ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް، ދެ ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލަށް ޖެމެއިކާ އަދި ކޮސްޓަރީކާ ވެސް ދަތުރުކުރީ އެ ޓީމުތައް ހިމެނުނު ގްރޫޕްތަކުގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ޖެމެއިކާ ވާދަކުރަން ޖެހޭނީ ހުކުރު ދުވަހުގެ ރޭ އެމެރިކާ އާއި އެލް ސެލްވަޑޯ ކުޅުނު މެޗުން މޮޅުވި ޓީމަކާއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ އަނެއް ދެ މެޗުގައި ހޮނިހިރު ދުވަހު ކެނެޑާ ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. އަދި މެކްސިކޯ ބައްދަލުކުރާނީ ހެއިޓީއާއެވެ. ކުއާޓާ ފައިނަލުން މޮޅުވާ ހަތަރު ޓީމަށް ސީދާ ވޯލްޑް ކަޕުން ޖާގަ ލިބޭއިރު، ބަލިވާ ޓީމުތަކަށް ޖެހޭނީ އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގެ ދެ ޖާގައަށް ވާދަކުރާށެވެ. މީގެއިތުރުން 2031 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ ގޮތުގައި އެމެރިކާ އާއި މެކްސިކޯގެ އިތުރުން ޖެމެއިކާ އަދި ކޮސްޓަރީކާއަށް ވެސް ވަނީ އެ މުބާރާތުން އޮޓޮމެޓިކް ޖާގައެއް ކަށަވަރުވެފައެވެ.