ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ރޯމާއިން 2-2 އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިފަހައްޓައި، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސައްތައިން ސައްތަ ރެކޯޑަށް ނިމުމެއް ގެނެސްފިއެވެ.
ޕީއެސްޖީގެ ދަނޑު ކަމަށްވާ ޕާކް ޑެސް ޕްރިންސަސްގައި ކުޅުނު ފިނި އަދި ވިއްސާރަ މި މެޗުގައި ރޯމާއަށް މުހިންމު ޕޮއިންޓެއް ކަށަވަރުކޮށްދިނީ ފަހު ހާފުގައި ޑޮންޔެލް މާލެން ކާމިޔާބުކުރި ޕެނަލްޓީންނެވެ.
މި ނަތީޖާއާއެކު، ހުރިހާ މުބާރާތެއްގައި ވިދިވިދިގެން 12 މެޗުން މޮޅުވެ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ ޕޮއިންޓް ފަހަތަށް ޕީއެސްޖީ ވެއްޓުނުއިރު، ފަސް މެޗަށް ފަހު މުބާރާތުގައި ސައްތައިން ސައްތަ ރެކޯޑެއް އޮތް ހަމައެކަނި ޓީމަކީ މިހާރު ރެއާލް މެޑްރިޑެވެ. ނަމަވެސް، 36 ޓީމު ވާދަކުރާ ތާވަލުގެ ގަދަ އަށެއްގައި ހިމެނިގެން ޕްލޭއޮފަކާ ނުލައި ސީދާ ގަދަ 16 އަށް ދިއުމަށް ޕީއެސްޖީން ކުރާ އުއްމީދަށް މިއީ ކުޑަ ހީނަރުކަމެކެވެ.
މެޗު ފެށިގެން ފަސް މިނެޓުގެ ތެރޭގައި ރޯމާއިން ވަނީ ލަނޑު ޖަހައި ކުރިހޯދައިފައެވެ. މަތިއަސް ސޫލޭ އަރިމަތިން ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޕެއިންގެ ޑިފެންޑަރު މާރިއޯ ހެރްމޯސޯއެވެ. އެހެން ނަމަވެސް، މެޗުގެ ބައިގަޑިއިރު ހަމަވިތަނާހެން ސެނީ މަޔޫލޫ ނަގައިދިން ކޯނަރަކުން ޔޫކްރޭންގެ ޑިފެންޑަރު އިލިއާ ޒަބާނީ ވަނީ ގޯލުގެ ކައިރީ ދަނޑި ކައިރީ ހުސްކޮށް ހުރެ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފުގައި، މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ފެރާން ޓޮރެސްގެ ބަދަލުގައި ކުޅެން އެރި އޮސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ކުރިހޯދައިދީފައެވެ. މިއީ އަޝްރަފް ހަކީމީ ރޯމާގެ އޭރިއާ ތެރެއަށް ވަދެގަތުމުން ވެސްލީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޑެމްބެލޭ ކާމިޔާބުކުރި ލަނޑެކެވެ. އެކަމަކު، މެޗުގެ 78 ވަނަ މިނެޓުގައި ރޯމާގެ ސޫލޭ ފޮނުވާލި ހަމަލާއެއް ޕީއެސްޖީގެ ވިޓީނިއާގެ އަތުގައި ޖެހުމުން، ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް މާލެން ވަނީ ރޯމާއަށް އެއްވަރުކޮށްދީފައެވެ. މިއީ މާލެން މި ސީޒަނުގައި ޖެހި 17 ވަނަ ލަނޑެވެ.
މި މެޗަށް ޕީއެސްޖީ ނުކުތީ އަނިޔާގެ ސަބަބުން ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ކަނާތު ކަކުލުގެ އޭސީއެލް ލިގަމެންޓް ވީދައިގެން ގޮސް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ބެލެވޭ ދެސީރޭ ދުއޭ އާއި، ދާދި ފަހުން އެ އަނިޔާވި ހވިޗާ ކްވަރަޓްސްކޭލިއާގެ އިތުރުން ޑެމްބެލޭއަށް ވެސް ފިޓްނަސް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އަދި ބްރެޑްލީ ބާކޯލާ އާއި ގޮންސާލޯ ރާމޮސް ކްލަބް ދޫކޮށް ގޮސްފައިވުމާއެކު، މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފަސް ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއަކު މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައެއް ނުވެއެވެ.
ޕެރިހަށް އައުމުގެ ކުރިން އެންމެ ފަހުން ކުޅުނު ހަތް މެޗުގައި 26 ލަނޑު ޖަހާފައިވާ ރޯމާއިން ވަނީ މީގެ ކުރިން ކުޅުނު މެޗުތަކުގައި ލީޑުގައި އޮވެ ބަލިވެފައެވެ. އެގޮތުން ރެއާލް މެޑްރިޑް އަތުން 3-1 އިން ކުރީގައި އޮވެ 4-3 އިން ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވީ 2-0 ގެ ލީޑެއްގައި އޮތުމަށް ފަހުގައެވެ. އެންމެ ފަހުން ޕާމާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖެހި ނަމަވެސް، ކޯޗު ޖިއާން ޕިއެރޯ ގަސްޕެރީނީ މި މެޗުގެ ފުރަތަމަ އެގާރައިން މާލެން ބާކީކުރުމުން ހައިރާންކަން އުފެދުނެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އޭނާ ޖެހި ލަނޑާއެކު ރޯމާއިން ވަނީ ނޮކްއައުޓް ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!