ރާއްޖޭގެ އެކި ސަރަހައްދުތަކަށް 80 އަސާސީ ބާވަތެއް ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިހާރަތަކާއި، ސަރަހައްދީ ޑިސްޓްރިބިއުޝަން ހަބުތަކާއި އަމިއްލަ ރީޓެއިލް އޭޖެންޓުން މެދުވެރިކޮށް ހާއްސަ ވިއުގައެއްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި އާބާދީގައި 3،000 އަށް ވުރެ މަދު މީހުން ދިރިއުޅޭ 165 ކުދި ރަށަކަށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގްރޭޓާ މާލެ ސަރަހައްދަށް ބޭނުންވާ އަސާސީ މުދާ ލިބުމުގެ ނިސްބަތް ވަނީ ސައްތައިން ސައްތަ ކަށަވަރުކޮށްދީފައެވެ. މާލެ ސަރަހައްދުގައި މުދާ ފޯރުކޮށްދެނީ މާލެ އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި، ވިލިމާލޭގެ އެސްޓީއޯ ރީޓެއިލް ޝޮޕް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރު މެދުވެރިކޮށެވެ. މީގެ އިތުރުން މާލޭގެ 49 އަމިއްލަ ވިޔަފާރިވެރިން އަގުހެޔޮކޮށް ހޯލްސޭލް ރޭޓުގައި މުދާ ގަނެ، އާންމުންނަށް ވިއްކުމަށް ސްޓޮކް ދަމަހައްޓަމުން ގެންދެއެވެ.

އަތޮޅުތެރޭގެ ހަތަރު ސިޓީ ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް މުދާ ފޯރުކޮށްދެނީ އެ ސިޓީތަކުގައި ހުންނަ އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކާއި ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ އިތުރުން ލޯކަލް އޭޖެންޓުން މެދުވެރިކޮށެވެ. މާލެއިން މި ސިޓީތަކަށް މުދާ އުފުލަނީ އަމިއްލަ އުޅަނދުފަހަރާއި އެސްޓީއޯގެ އުޅަނދުތަކުގައެވެ. އަދި ފުވައްމުލަކަށް އައްޑޫ މަގުން ވެސް މުދާ އެތެރެކުރާއިރު، އައްޑޫ ސިޓީގައި އެކަނިވެސް ސަރަހައްދީ ހަބުގެ އިތުރުން 8 އޭޖެންޓަކު ހަރަކާތްތެރިވެއެވެ.

އާބާދީގައި 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ބޮޑު 15 ރަށަކަށް ބަލާއިރު، އެ ރަށްރަށުގައި ކަނޑައަޅާފައިވާ 27 އޭޖެންޓުންނާއި މުހިންމު ސަރަހައްދީ ހަބުތަކުގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ 12 ސަރަހައްދީ ފިހާރަ އަދި ޑިސްޓްރިބިއުޝަން ސެންޓަރު މެދުވެރިކޮށް ހިދުމަތް އަންނަނީ ދެމުންނެވެ. މި ރަށްރަށަށް ބޭނުންވާ ސަޕްލައި ފޯރުކޮށްދެނީ ހަފުތާއަކު ބޭނުންވާ މިންވަރުގެ ތާވަލަކަށް ބަލައި، ރަށްރަށުގެ އަމިއްލަ ބޯޓުފަހަރުގައެވެ.

މުޅި ރާއްޖެއަށް ބަލާއިރު އާބާދީ 3،000 އިން ދަށުގެ 165 ކުދި ރަށް ގައުމީ ސަޕްލައި ވިއުގައާ ގުޅާލެވިފައިވާއިރު، މި ވަގުތު މި ރަށްރަށުގައި ހަރަކާތްތެރިވަނީ 47 އޭޖެންޓުންނެވެ. ނަމަވެސް، ކޮންމެ ކުޑަ ރަށަކަށް އަދި ވަކި އޭޖެންޓަކު ހަމަޖެއްސިފައި ނުވުމަކީ މި ވަގުތު ކުރިމަތިވެފައިވާ އޮޕަރޭޝަނަލް ގޮންޖެހުމެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، މި ވަގުތު އޭޖެންޓުން ނެތް ރަށްރަށަށް އަސާސީ މުދާ ފޯރުކޮށްދިނުމުގެ ގޮތުން، ކައިރި ރަށްރަށުގެ އޭޖެންޓުންނާ ގުޅިގެން މުދާ ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރަސްމީކޮށް މަޝްވަރާތައް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މި ތަފާސްހިސާބުތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން 25 ނޮވެމްބަރު 2026 ގެ ނިޔަލަށް ހަރަކާތްތެރިވާ އެސްޓީއޯގެ އޭޖެންޓުންގެ ލިސްޓަށް ބިނާކޮށް ހާމަކޮށްފައިވާ މައުލޫމާތެވެ.