އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިޔާ މަޙްމޫދު ކަމާލް ފާރިސް ޢަބްދުލްމާލިކް ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކަށަވަރުކޮށްދީފިއެވެ.
ޕީއެފްއޭ އިން ބުނީ ޣައްޒާ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި ގޯލްކީޕަރު ޢަބްދުލްމާލިކް ޝަހީދުވީ އަންގާރަ ދުވަހު ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަބްރާ އަވަށަށް އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައެވެ.
އުމުރުން 20 އަހަރުގެ ޢަބްދުލްމާލިކަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުކޮށްލި، ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި 1،017 ވަނަ މީހާއެވެ. ޢަބްދުލްމާލިކް ޝަހީދުވެފައި މިވަނީ، އޮކްޓޫބަރު 2023 ގެ ފަހުން ޝަހީދުވި 1،000 އަށް ވުރެ ގިނަ އެތުލީޓުންނާއި ކުޅިވަރު އޮފިޝަލުންގެ ހަނދާނުގައި ބޭއްވި "ތައުޒަންޑް މާޓިއާސް ކަޕް" ގެ ޣައްޒާ އަދި އުތުރު ޣައްޒާ ޑިވިޜަންގެ ފައިނަލް މެޗުގައި އޭނާ ކުޅުނުތާ ފަސް ދުވަސް ފަހުންނެވެ. އޭނާގެ ކްލަބުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ކްލަބުގެ ލެޖެންޑް އަދި ސީނިއާ ޓީމުގެ ކީޕަރު މަޙްމޫދު ކަމާލް ފާރިސް ޢަބްދުލްމާލިކް ދާދި ދެންމެއަކު ޝަހީދުވެއްޖެ ކަމަށެވެ. އެ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ޣައްޒާ ސްޕޯޓްސް ކްލަބް ދިޔައީ ދެވަނައަށެވެ.
މި މުބާރާތުގައި 200 އަށް ވުރެ ގިނަ ކްލަބުން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ 146 ކްލަބާއި، ޣައްޒާގެ 44 ކްލަބްގެ އިތުރުން ލުބުނާނުގައި ހުންނަ ފަލަސްތީނު ރެފިއުޖީ ކޭމްޕުތަކުގެ 36 ކްލަބް ހިމެނެއެވެ. މި މުބާރާތް ފަށާފައިވަނީ އެ ތިން ސަރަހައްދުގައި ވެސް އެއްފަހަރާއެވެ. ޕީއެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ވިދާޅުވީ މި ހަރަކާތުން ދައްކުވައިދިނީ ފަލަސްތީނުގެ ރައްޔިތުންގެ "ގައުމީ އަޒުމް" ގެއްލިގެން ނުދާކަން ކަމަށެވެ. އަދި ކުޅިވަރަކީ އުންމީދާއި ދިރިއުޅުމުގެ ރަމްޒެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ކުރާ އިތުބާރު ވެސް ގެއްލިގެން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުލްމާލިކް ޝަހީދުވުމުގެ ދުވަސްކޮޅެއް ކުރިން، މިދިޔަ ހުކުރު ދުވަހު އިސްރާއީލު ސިފައިން ވަނީ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެން ހުރި އުމުރުން 15 އަހަރުގެ މުޙައްމަދު ނިޟާލް ބަރުބަކް ގަޔަށް ބަޑިޖަހައި މަރާލައިފައެވެ. ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާގެ ތަފާތުކުރުންތަކާ ދެކޮޅު ގަވާއިދުތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރު ވެސް އެ ގައުމާ ދެކޮޅަށް ފީފާއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން މި ހާދިސާތަކުން ވަނީ ހާމަވެގެން ގޮސްފައެވެ.
އިސްރާއީލުގެ ބެއިތާރު ޖެރޫސަލަމް ކްލަބުން ތަކުރާރުކޮށް ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކާ ދެކޮޅަށް އިސްރާއީލު ފުޓްބޯލް އެސޯސިއޭޝަން (އައިއެފްއޭ) އިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓަކުން ހާމަވުމާ ގުޅިގެން، އައިއެފްއޭ ސަސްޕެންޑް ކުރުމަށް ފަލަސްތީނުން މާޗު މަހު ވަނީ ގޮވާލައިފައެވެ. ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީގެ ވެރިޔާގެ މަގާމުގައި ވެސް ހުންނެވި ރަޖޫބް ވިދާޅުވީ، ބައިނަލްއަގުވާމީ ހުރިހާ އިދާރާތަކުން އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ބޭރުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުގެ ކުޅިވަރު އޮފިޝަލުން ބައިވެރިވާ ޖަރީމާތަކުގެ ތެރޭގައި ޣައްޒާގައި ކުޅުންތެރިން ޝަހީދުކުރުމާއި ކުޅިވަރުގެ ވަސީލަތްތައް ހަލާކުކުރުން ހިމެނެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ސްޓޭޑިއަމްތަކާއި، ކްލަބްތަކާއި، ސްޕޯޓްސް ހޯލްތަކާއި އެކެޑަމީތައް ހިމެނޭހެން ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ވަނީ ބޮޑުތަނުން ސުންނާފަތިކޮށްފައެވެ. ފަލަސްތީނުގެ ސްޕޯޓްސް މީޑިއާ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުސްޠަފާ ސިޔާމް ވިދާޅުވީ، ޣައްޒާގައި ހުރި 56 ކްލަބުގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލަބާއި، ފީފާގެ އެހީތެރިކަމާއެކު ޕީއެފްއޭ އިން ހަދާފައިވާ ފަސް މީހުންގެ 20 ފުޓްސަލް ދަނޑު އިސްރާއީލުން ވަނީ ހަލާކުކޮށްލައިފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، 7 އޮކްޓޫބަރު 2023 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 74،645 މީހުން ޝަހީދުވެ، 175،978 މީހުން ވަނީ ޒަޚަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!