ކުޑަކުދިންގެ ޖިންސީ މަންޒަރުތައް ގެންގުޅުނު މައްސަލާގައި ހައްޔަރުކުރުމަށްފަހު، ފައިގައި ލޮކޭޝަން މޮނިޓަރިންގް ޑިވައިސް ނުވަތަ މޮނިޓަރު ޓެގް އެޅުވުމަށްފަހު ދޫކޮށްލާފައި ހުއްޓައި، އެ ޑިވައިސް ނައްޓާލުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކްލް އަނެއްކާވެސް އެމެރިކާގެ ފެޑެރަލް ބަންދަކަށް ގެންގޮސްފިއެވެ.

ކޯޓުގެ ލިޔެކިޔުންތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 82 އަހަރުގެ ތޯމަސް މާކްލް އަލުން ހައްޔަރުކޮށްފައިވަނީ ފްލޮރިޑާގައެވެ.

Ad
rt

މި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ފްލޮރިޑާގެ ޓަމްޕާ ސިޓީގެ ފެޑެރަލް މެޖިސްޓްރޭޓް ފަނޑިޔާރެއްގެ ކުރިމައްޗަށް މާކްލް ހާޒިރުކޮށްފައިވާއިރު، ޕްރޮސިކިއުޓަރުން އެދުނުގޮތަށް އޭނާއަށް ކަފާނުދިނުމަށް ވަނީ ނިންމާފައެވެ. ކޯޓުގެ ލިޔެކިޔުންތައް ދައްގޮތުން، މާކްލް މޮނިޓަރު ނައްޓާލާފައިވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އެމެރިކާގެ ފަނޑިޔާރު ލިންޑްސޭ އެސް ގްރިފިން އަންގާރަ ދުވަހު ނިންމަވާފައިވަނީ މާކްލް، ޝަރުޠުތަކުގެ މަތިން ކުރިން ދޫކޮށްލާފައި އޮތް އޮތުން ޚިލާފުވެފައިވާ ކަމަށެވެ. ކުޑަކުދިންގެ ޖިންސީ ގޯނާގެ މަންޒަރު ދައްކުވައިދޭ ފޮޓޯ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ އިންކާރުކޮށްފައިވާ މާކްލް، ފާއިތުވި ހަފުތާގައި ފްލޮރިޑާގައި ހައްޔަރުކުރުމަށްފަހު ބެހެއްޓީ ގޭބަންދުގައެވެ. އަދި އޭނާ ހުރީ ލޮކޭޝަން މޮނިޓަރިންގް ޑިވައިސް އަޅުވާފައެވެ.

ފަނޑިޔާރު ގްރިފިން ނެރުއްވި އަމުރުގައި މާކްލް ދިރިއުޅެމުންދިޔަ ހާލަތު ސިފަކުރައްވާފައިވަނީ "ބަލައިގަންނަން ދަތި" ހާލަތެއްގެ ގޮތުގައެވެ. އަދި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން، މުޖުތަމުއުގެ އެހެން އެއްވެސް މީހެއްގެ ސަލާމަތާއި ރައްކާތެރިކަން އަދި ކޯޓަށް އޭނާ ހާޒިރުވާނެކަން ކަށަވަރުކުރެވޭނެ އެއްވެސް ޝަރުޠެއް ނުވަތަ ޝަރުޠުތަކެއްގެ ޕްރޫފެއް ނެތް ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. މީގެއިތުރުން، މާކްލްގެ މެޑިކަލް އިވެލުއޭޝަނެއް ހެދުމަށާއި، ޑޮކްޓަރަކު ވަކިގޮތަކަށް އަންގަންދެން ބޭނުންވާ ހުރިހާ ބޭހެއް އޭނާއަށް ލިބެމުންދާންވާނެ ކަމަށްވެސް ފަނޑިޔާރު އަންގާފައިވެއެވެ.

ސެންޓްރަލް ކެލިފޯނިއާގެ އެމެރިކާގެ އެޓާނީ ބިލް އެސެއިލް ހޯމަ ދުވަހު އެކްސްގައި ލިޔުއްވި ގޮތުގައި، "ދޫކޮށްލުމުގެ ޝަރުޠުތަކަކީ ކޯޓުގެ އަމުރުތަކެކެވެ، އެއީ ޚިޔާލުތަކެއް ނޫނެވެ." އަދި ޤާނޫނު ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް މި މައްސަލައިގެ ދައުވާ ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި، 82 އަހަރުގެ މާކްލް ފުރަތަމަ ހައްޔަރުކުރީ އެފްބީއައިއިން ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ކުއްޔަށް ހިފާފައިވާ ސްޓޯރޭޖް ޔުނިޓްތަކެއް ބަލައި ފާސްކުރުމަށްފަހުއެވެ. މި ޔުނިޓްތަކަކީ 2008 ވަނަ އަހަރުން ފެށިގެން އޭނާ ކުއްޔަށް ހިފާފައިވާ ތަންތަނެވެ. އެތަކެތީގެ އެންމެ ފަހުން ކުލި ދައްކާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހު ކަމަށް ވެސް ޑިޕާޓްމަންޓުން ބުނެއެވެ.

އެ ޔުނިޓްތަކުގެ ތެރެއިން އެފްބީއައިގެ އެޖެންޓުން ވަނީ ފިލްމާއި، ކުޑަކުދިންގެ ޖިންސީ ގޯނާގެ މައްދާތައް އެކުލެވިގެންވާ ކަމަށް ތުހުމަތުކުރެވޭ ފޮތްތައް ހިމެނޭހެން ގާތްގަނޑަކަށް 78 އައިޓަމް ހިފަހައްޓާފައެވެ. ހެކިވެރިން ވަނީ ކުޑަކުދިންގެ ޖިންސީ ގޯނާގެ މައްދާ ހިމެނޭ ކަމަށް ބެލެވޭ ދެ ފޮޓޮއަކުން މާކްލް "ރަނގަޅަށް ކަށަވަރުކޮށްދީފައި"ވާ ކަމަށް ބުނެފައެވެ. އެ ފޮޓޯތަކުގައި ފެންނަ މީހާގެ އުމުރަކީ 30 އަދި 40 އަހަރާ ދެމެދުގެ އުމުރެއް ކަމަށް ފެންނާތީ، މި ކަމުގެ ތުހުމަތުކުރެވޭ އަމަލުތައް ހިންގާފައިވަނީ މީގެ އެތައް އަހަރެއް ކުރިން ކަމަށް ބެލެވެއެވެ. ސަބަބަކީ މާކްލްގެ މިހާރުގެ އުމުރަކީ 82 އަހަރު ކަމަށް ވާތީއެވެ.

ފާއިތުވި ހަފުތާގައި ހައްޔަރުކުރުމާ ގުޅިގެން މާކްލް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އެ ހާޒިރުވުމުގައި އޭނާގެ މައްޗަށް އެއްވެސް އިއުތިރާފެއް ނަގާފައެއް ނުވެއެވެ. ނަމަވެސް، ގޭބަންދުގައި ހުރުމާއި ލޮކޭޝަން މޮނިޓަރުކުރުން ފަދަ ޝަރުޠުތަކާއެކު އޭނާ ޝަރީޢަތުގެ ކުރިން ދޫކޮށްލުމަށް ބައެއް ޝަރުޠުތައް ކަނޑައެޅުނެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނާގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންގެ އޮރިޔާން ކާޑުގެ ފޮޓޯ ގެންގުޅުމުގެ ކުށުގެ އެއް ދައުވާއެވެ.

އެފްބީއައިގެ ޑިރެކްޓަރު ކަޝް ޕަޓޭލް ފާއިތުވި ހަފުތާގައި ވިދާޅުވެފައިވަނީ މާކްލް "ކުށުގެ އަމަލުތަކުގެ ތެރެއިން ކުށެއްނެތް ކުޑަކުދިންނަށް އަމާޒުކޮށް، އެ ކުދިންގެ ކުށެއްނެތްކަން ފޭރިގަތުމަށް މަސައްކަތްކޮށްފައިވާ" ކަމަށެވެ. ނަމަވެސް މާކްލް ވަނީ މި ތުހުމަތުތަކަކީ "ބަލިކަށި ދޮގުތަކެއް" ކަމަށް ސިފަކޮށްފައެވެ.

ސްޓްރޯކްތަކެއް ޖެހުމާ ގުޅިގެން މާކްލް މިދިޔަ އަހަރު ފިލިޕީންސްއަށް ބަދަލުވެ، މެއި މަހާ ހަމައަށް އުޅުނީ ސެބޫގައެވެ. އަދި އޭނާގެ ފައި ބުރިކޮށްލުމަށްފަހު ފްލޮރިޑާގައި އަލުން ހިނގަން ދަސްކުރަމުންދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އާއި އޭނާގެ ބައްޕައާ ދެމެދު ގުޅުން ކެނޑިފައިވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ. މޭގަން މިދިޔަ އަހަރު ބައްޕައާ ގުޅުން ކަނޑާލަމުން އޭނާއަށް އެންގީ އޭނާއާއި ކަމާބެހޭ ފަރާތްތަކަށް އޭނާ ޒުވާން އަންހެން ކުދިންނަށް އަނިޔާކޮށްފައިވާކަން އެނގޭ ކަމަށް ކަމަށް މައުލޫމާތު ލިބުމުންނެވެ.

ކުރިން ހިއްސާކޮށްފައިވާ ބަޔާނެއްގައި މޭގަން ވަނީ އެ ސިޓީ އޮތްކަން ކަށަވަރުކޮށްދެއްވާފައިއެވެ. އަދި ލިޔުއްވާފައިވެއެވެ. "އަޅގަނޑު ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. އަގަނޑުގެ ވިސްނުން ހުރީ ގެއްލުމެއް ލިބިފައިވުން އެކަށީގެންވާ ކުޑަކުދިންނާ މެދުގައެވެ." ބައްޕައާ ގުޅުން ގާތްގަނޑަކަށް މުޅިން ކަނޑާލައި، "އަޅުގަނޑުމެންގެ ކުދިންނާ ގުޅުން ބޭއްވުމުގެ ފުރުސަތު އޭނާއަށް ނުދެނީ" ކީއްވެ ކަން ބައްޕައަށް ވިސްނިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.