ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށި ސިޓީއާއި އެ އަތޮޅު ނޮޅިވަރަމްގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކުން ފަށައިފިއެވެ.
މި ވިއްސާރައިގެ ސަބަބުން ނޮޅިވަރަމްގެ ބައެއް ގެތަކަށް ވެސް ވަނީ ފެން ވަދެފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، އެ ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންހިންދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީގައި ފެންހިންދުމުގެ މަސައްކަތުގައި ސިޓީ ކައުންސިލްގެ އިތުރުން ކުޅުދުއްފުށި ސިޓީ ފަޔަރ އެންޑް ރެސްކިއު ސާވިސް، މޯލްޑިވްސް ރެޑްކްރެސެންޓް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން އެ މުއައްސަސާތަކުން މިހާރު ހަރަކާތްތެރިވަމުން ދަނީ ހަސަނާތު މިސްކިތު ސަރަހައްދާއި، އުތުރު ބަނދަރު ސަރަހައްދު އަދި އެއާޕޯޓް އިރުމަތީ ސަރަހައްދުގައެވެ.
ވިއްސާރައިގެ އަސަރު ނޮޅިވަރަމަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މިއަދު ހެނދުނު 11:30 އިން ފެށިގެން ނޮޅިވަރަމަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ރަށުގެ 3 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، މިވަގުތު ނޮޅިވަރަމަށް ވާރޭ ވެހުން ވަނީ އެއްކޮށް ހުއްޓާލާފައެވެ. އަދި ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި ރަށުގެ ހަތަރު ފަރާތުން މިހާރު ވަނީ ކޯރު ކަނޑާފައެވެ.
ފެންބޮޑުވުމާ ގުޅިގެން އިތުރު އެއްވެސް ގެއަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާތައް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!