އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ޔަޝާރު ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓާ، އެ ގައުމުގެ ރައީސް އިސާކް ހަރްޒޮގް އާދީއްތަ ދުވަހު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ރައީސް މި ފިޔަވަޅު އެޅީ ފަހުން ބޭއްވި ބަރުލަމާނީ އިންތިހާބުގައި މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ފަރާތްތަކަށް ވެސް ސާފު އަޣުލަބިއްޔަތެއް ނުލިބުމާ ގުޅިގެންނެވެ.

Ad
rt

އާ ސަރުކާރެއް އެކުލަވާލުމުގެ ޒިންމާ އައިޒެންކޮޓާ ހަވާލުކުރެއްވުމަށް ރައީސް ހަރްޒޮގް ނިންމިކަން ހޮނިހިރު ދުވަހު އިއުލާނު ކުރީ، ޕާލިމަންޓުގައި ހިމެނޭ އެކި ސިޔާސީ ފެކްޝަންތަކާ އެކު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

ރައީސްގެ އޮފީހުން ހާމަކުރި ގޮތުގައި، ޖުމްލަ 120 ގޮނޑި ހިމެނޭ އިސްރާއީލުގެ ޕާލިމަންޓް (ކްނެސެޓް) ގެ 67 މެންބަރުން ތަމްސީލުކުރާ ފެކްޝަންތަކުން ވަނީ އާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އައިޒެންކޮޓަށް ދިނުމަށް ރައީސަށް ލަފާއަރުވައިފައެވެ. މިއީ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަޣުލަބިއްޔަތު އަދަދެކެވެ.

އަނެއްކޮޅުން، ވެރިކަމުގައި ހުރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަލުން ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ދިނުމަށް ތާއީދުކޮށްފައި ވަނީ މަޖިލީހުގެ އެންމެ 46 މެންބަރުން ތަމްސީލުކުރާ ފެކްޝަންތަކުންނެވެ. މީގެ އިތުރުން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ވަކި ފެކްޝަނަކުން އެއްވެސް މީހަކަށް ތާއީދުކުރުމަށް ވަނީ އިންކާރުކޮށްފައެވެ.

އިސްރާއީލުގެ އަސާސީ ގާނޫނުގައިވާ ގޮތުން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ނިންމުމަށް އައިޒެންކޮޓަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ 'ޔެދިއޯތު އަހްރޮނޯތު' އިން ބުނި ގޮތުގައި، ކަނޑައެޅިފައިވާ 28 ދުވަހުގެ ތެރޭގައި ސަރުކާރު އެކުލަވާލުމަށް އިތުރު ވަގުތު ބޭނުންވެއްޖެ ހާލަތެއްގައި، ގާނޫނުގެ ދަށުން އިތުރު 14 ދުވަހުގެ މުއްދަތެއް ދެއްވުމުގެ އިހުތިޔާރު ރައީސް ހަރްޒޮގަށް ލިބެއެވެ.