ބ. ދަރަވަންދޫގެ ބޯހިޔާވަހިކަށް އެރަށުގައި ފްލެޓް އަޅައިދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަރިހުގައި އެދިއްޖެއެވެ.
ދަރަވަންދޫ ކައުންސިލުން މިގޮތަށް އެދުނީ ރައީސް ޞާލިޙާއެކު، އެ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މިއަދު ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދަރަވަންދޫ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި މިހާރުވެސް ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިޔަށް ދިޔަކަމުގައިވިޔަސް ބައެއް ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވިއެވެ.
މިގޮތުން، ދަރަވަންދޫގެ ބަނދަރާއި އެއަރޕޯޓާ ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާ، ސްކޫލްގެ ޖާގައިގެ ދަތިކަމާއި،ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވުމާ، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރަކީ ރާއްޖޭގެ ތަރައްޤީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްޤީއާއި ރަށްތަކަށް ބޭނުންވާ ޚިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެއްކަމަށް ފާހަގަ ކުރެއްވިއެވެ. އަދި، މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ރައީސް ޞާލިޙަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!