ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ގާބިލް ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ ކަމަށާއި، ރިޔާސީ ދެވަނަ ދައުރެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަށަވަރުކުރައްވާނެ ކަމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިމޭރުމުން ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މި ހަފުތާގައި އިންޑިއާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ގައުމުގެ "ދަ ޕްރިންޓް" އަށް ދެއްވި ބަސްދީގަތުގަތުމެއްގައެވެ.
ޝާހިދު ވިދާޅުވީ، ރައީސް ޞާލިޙްގެ ލީޑާޝިޕްގައި މިހާތަނަށް ރައްޔިތުންނަށް ވަރަށް ރަނގަޅު ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަންތައްތައް ރައްޔިތުން ވަނީ ބަލައިގެންފައި ކަމުގައިވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ރައީސް ޞާލިޙްގެ ލީޑާޝިޕުން މިހާރު އޮތް ސަރުކާރުން ރަނގަޅު ނަތީޖާތަކެއް ނެރެވި، އެ ކަންކަން ދިވެހި ރައްޔިތުން ބަލައިގަނެފައި ވުމާއެކު، ދިވެހިން ގައުމުގެ ވެރިކަމަށް އިތުރު ދައުރަކަށް ރައީސް ޞާލިޙް އިންތިޚާބު ކުރާނެއެވެ.
ޝާހިދު ވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް އިޝާރާތް ކުރައްވައި ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެ ހަރަކާތަށް އިޝާރާތް ކުރައްވައި، ޝާހިދު ވިދާޅުވީ އެ ހަރަކާތެއް ސަރުކާރާ ވާދަވެރި ފަރާތްތަކުން ހިނގަމުން ގެންދަނީ، އެ ފަރާތްތަކުގެ ވެރިކަމަށް ފަހު ރައްޔިތުންނަށް ހުށަހަޅާނެ ވަކި ކަމެއް ވެސް ނެތުމުން ކަމަށެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ބުނަމުން އަންނައިރު، އެޕާޓީގެ ރައީސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!