ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "އާދަމް ސަލީމް ކަޕް 2021" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީ ޓީމުން ހޯދައިފިއެވެ.
މުބާރާތުގެ ލީގުބުރުގެ ފަހު މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ޔޫތު ފްރެންޑެސްއެވެ. މި މެޗު 3-2 ގެ ނަތީޖާއިން އަހުލީ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.
މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ހަތް ޓީމް ކޮންމެޓީމެއް ކޮންމެޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. މިއަދު މެޗުން މޮޅުވުމުން އަހުލީއަށް ވަނީ 15 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ލިބިފައެވެ. 12 ޕޮއިންޓް ހޯދައިގެން ދެވަނާގައި ޝީލްޑް އޮތްއިރު ތިންވަނާގައި 11 ޕޮއިންޓާއިއެކު އޮތީ ރޫހެވެ.
ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ 31 އޮގަސްޓް 2022 ވަނަ ދުވަހު ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށެވެ. ސެމީ ފައިނަލުގައި ބައްދަލުކުރާނީ ދެވަނަ ހޯދި ޝީލްޑާއި ތިންވަނަ ހޯދި ރޫހެވެ.
މިއަދު އަހުލީއާއި ޔޫތު ފްރެންޑްސް ބައްދަލުކުރި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އަހުލީއެވެ. ފުރަތަމަ ލަނޑު އަހުލީގެ ހުސެއިން އިބްރާހީމް ކާމިޔާބު ކޮށްދީފައިވާއިރު، ޔޫތު ފްރެންޑްސްގެ އަލީ އާމިރު ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި އަހުލީން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިގޮތުން ދެވަނަ ލަނޑު ޠާހާ ޚާލިދު ކާމިޔާބު ކޮށްދީފައިވާއިރު، ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރިޔާޒުއެވެ. ޔޫތު ފްރެންޑްސްއިން ފަރަގު ކުޑަކުރި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް އަސްވާންއެވެ. މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އަހުލީގެ ޠާހާ ޚާލިދެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 02 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި ވަނީ 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ ވެސް "ސާސްކަފް ކަޕް" ގެ ނަމުގައެވެ.
ސާސްކަފް ކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕްގެ ނަމަށް ބަދަލުކޮށްފައި ވަނީ 2002 ވަނަ އަހަރުއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމްއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ތެރޭގައި އާދަމް ސަލީމް ނިޔާވުމުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އޭރުގެ ހިންގާ ކޮމެޓީން މި މުބާރާތުގެ ނަން "އާދަމް ސަލީމް ކަޕް" ގެ ނަމަށް ބަދަލުކުރަން ނިންމި ހިސާބުން ފެށިގެން މި މުބާރާތް މިއަދާ ހިސާބަށް ވެސް ބާއްވަމުން އައިސްފައި ވަނީ މި ނަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!